ފައިސަލް ނަސީމް

އިންޓަނެޓާއި ޓެކްނޮލޮޖީއާ ނުލައި ދިރިއުޅެވޭކަށް ނެތް: ނައިބް ރައީސް

އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ނުލައި މިއަދު ދިރިއުޅެވެން ނެތް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސައިބާ ސޭފް މޯލްޑިވްސް ގައުމީ ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ "ނޭޝަނަލް ސައިބާ ސެކިއުރިޓީ އެވެއާނަސް މަންތް"ގެ ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ދުވަސްވަރު ކުރަންޖެހުނު ތަޖުރިބާގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ މުހިއްމުކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި މިފަދަ ވަސީލަތްތައް އެކި އުމުރުފުރައިގެ މީހުން ބޭނުންކުރާއިރު، އިޖުތިމާއީ މަންސަތަކުގެ ސަބަބުން މީހުންނަށް ކުރިމަތިވާ ގެއްލުންތަކާއި ނުރައްކާތައް ދެނެގަނެ ސަމާލުވާންޖެހެ އެވެ.

"އިންޓަނެޓާއި ޓެކްނޮލިޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ލަސްނުވެ ކުރަންޖެހިފަވާ މަސައްކަތެއް" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓެކްނޮލޮޖީއަށް ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅިއްޖެނަމަ ކުރަންޖެހޭ ހަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، ކުޑަކުދިންނަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަށް ދަތި ކަންތައްތަކެއް ކަމަށެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ ސައިބާ ސޭފް މޯލްޑިވްސް ގައުމީ ކެމްޕޭން ވެގެންދާނީ ރައްކާތެރިކަމާއިއެކު އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި އެޅޭ ބިންގަލަކަށެވެ.

ސައިބާ ސޭފް މޯލްޑިވްސް ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން މި މަހުގެ ތެރޭގައި ޖުމްލަ 28 ހަރަކާތެއް ހިންގާއިރު މީގެތެރޭގައި ހަތް ޓްރެއިނިން ޕްރޮގްރާމަކާއި، ތިން ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހަކީ އިންޓަނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަހެވެ.