ތިމާވެށި

ހުރިހާ ރަށެއްގެ އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބީޗްކްލީނަޕް ނުވަތަ އައްސޭރި ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު މުޅި ރާއްޖޭގައި ފަށައިފި އެވެ.

މިހަރަކާތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

ޕާލޭ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން "މޯލްޑިވްސް ފޯ ދި އޯޝަންސް"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް މިއަދު އިރުއޮއްސި 6:00 ޖެހުމާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

މާލޭގައި ސާފުކުރުމުގެ ހަރަކާތް ފެށީ ސިނާއީ ސަރަހައްދުންނެވެ. މި ހަރަކާތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ވަރަށް ގިނަ ރިސޯޓުތަކެއްގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ ގޮނޑުދޮށްތައް ސާފުކުރުމަށް ހިންގާ މިހަރަކާތްތަކުގައި މައިގަނޑު ހަތަރު ކަމެއް ކުރިއަށްދެ އެވެ. މީގެތެރޭގައި ހިމެނެނީ ތިމާވެއްޓާއި ކަނޑުފަޅު ހިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް "އޯޝަން ޕްލެޖް" ވައުދުގައި ބައިވެރިވުމާއި، މާކަނޑުތަކާ ބެހޭ މައުލޫމާޔތު ހިއްސާކުރުމަށް ބާއްވާ "އޯޝަން ލެސަން" ކުރިއަށް ގެންދިއުމާއި، އައްސޭރިފަށް ސާފުކުރުމުގެ އިތުރުން ފަޅުތެރެ އަދި ފަރުމަތި ސާފުކުރުމަށް ހިންގާ "އަންޑަވޯޓަ ކްލީނަޕް" އެވެ.

ޕާލޭ މޯލްޑިވްސްގެ އަމާޒަކީ 10،000 އަށް ވުރެ ގިނަ މީހުން "އޯޝަން ޕްލެޖް"ގައި ބައިވެރިވުމެވެ. މީގެއިތުރުން "އަންޑަވޯޓާ ކްލީނަޕް"ގައި 50،000 އަށް ވުރެ ގިނަ މީހުން އައްސޭރިފަށް ސާފުކުރުމުގައި ބައިވެރިވެ ރެކޯޑެއް މިއަދު ހެދުމަކީވެސް ޕާލޭ މޯލްޑިވްސްގެ އަމާޒެކެވެ.

ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށާއި އައްސޭރިފަށް ސާފުކުރުމުގެ މައިގަނޑު ބޭނުމަކީ ގޮނޑުދޮށާއި ކަނޑަށް އުކާލެވޭ ކުނީގެ ބާވަތްތައް މަދުކުރުމެވެ.