އާމިނަތު ޝައުނާ

ސްޓާލިންކްގެ ހިދުމަތްދިނުމަށް އަދިވެސް އޮތީ މަޝްވަރާގައި: ޝައުނާ

އެމެރިކާގެ މަހުޖަން އިލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ޖައްވަށް ފޮނުވާފައިވާ ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ދިނުން އަދިވެސް އޮތީ މަޝްވަރާގެ މަރުހަލާގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝައުނާ މަޖިލީހަށް މިއަދު ހާޒިރު ކުރީ ތ. ތިމަރަފުށީ ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓު ރާވައިފައިވާ ގޮތާ ގުޅޭ ގޮތުން ސުވާލުކުރުމަށް އެ ދާއިރާގެ މެމްބަރުން އަބްދުﷲ ރިޔާޒު ހުށަހެޅުއްވުމުންނެވެ. އަދި އެ ފުރުސަތުގެ ތެރެއިން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ސްޓާލިންކާ ގުޅިގެން އިންޓަނެޓް ދިނުމާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ޝައުނާ ވިދާޅުވީ ސްޓާލިންކްގެ އިންޓަނެޓް ހިދުމަތް ކުރިއަށް ނުގެންދިއުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އަދިވެސް މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓާލިންކް ސްޕޭސް އެކްސްއިން އެދިލައްވާފައިވަނީ އެއްވެސް އިތުރު މައުލޫމާތެއް ހާމަނުކުރެއްވުމަަށް. އެެހެންވީމާ އެ މަޝްވަރާތައް ވެސް އެބަ ކުރިއަށްދޭ. އެ މަޝްވަރާތައް ނުނިމެނީސް އެ މައުލޫމާތުތައް ހާމަނުކުރުމަށް އެދިލައްވާފައިވާތީ އެ ވާހަކަ ދަންނަވާލަން" ޝައުނާ ވިދާޅުވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފެށި ސްޓާލިންކަކީ ސެޓެލައިޓް ނެޓްވޯކެއްގެ ތެރެއިން ސީދާ އިންޓަނެޓް ފޯރު ކޮށްދޭ ގޮތަށް އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ.

މިހާތަނަށް ސްޕޭސް އެކްސްއިން 1800 އަށް ވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވާއިރު ސްޓާލިންކްގެ ހިދުމަތަކީ މަހު ފީއެއް ދައްކައިގެން ބޭނުން ކުރެވޭ ހިދުމަތެކެވެ.

މަހަކު 99 ޑޮލަރަށް މި ހިދުމަތް މިވަގުތު ބޭނުން ކުރެވެ އެވެ. ނަމަވެސް ހިދުމަތް ބޭނުން ކުރަން ބޭނުންވާ ޑިވައިސް ގަތުމަށް އަދި ރަޖިސްޓްރީ ކުރަން 499 އެމެރިކާ ޑޮލަރު މިވަގުތު ނަގަ އެވެ. މިހާރު ސްޓާލިންކްގެ ހިދުމަތް ބީޓާ މަރުހަލާއެއްގައި އެމެރިކާ، ކެނެޑާ އަދި ބައެއް އެހެން ގައުމުތަކުގައި ވެސް ދަނީ ތަޖުރިބާކުރަމުންނެވެ.