އިންޓަނެޓްގެ ސާވިސް

އިތުުރު ސަބްމެރިން ކޭބަލެއް އަޅަން ސަރުކާރުން ނިންމައިފި

އިތުުރު ސަބްމެރިން ކޭބަލެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ އިތުރު ސަބްމެރިން ކޭބަލެއް އެޅަން ނިންމާފައިވާ ކަމަށާއި އެގޮތުން އެންޓީޓީގެ މިސްޓް ފައިބާ ކޭބަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެއާއެކު އެ ފައިބަރާ މި ސަރަހައްދުގެ މައި އިންޓަނެޓް އެކްސްޗޭންޖުތަކާ ގުޅާލައި އެއްވެސް މެދުވެރިއެއް ނެތި ސީދާ ކެޕޭސިޓީ ގަންނަން ލިބޭނެ ކަމަށެވެ.

އޭގެ ސަބަބުން ރާއްޖޭގެ އިންޓަނެޓް ޑިމާންޑަށް އެތައް އަހަރެއް ވަންދެން ފަސޭހައިން ހިދުމަތް ދެވޭނެކަން ވެސް މިނިސްްޓްރީން ފާހަގަކުރި އެވެ.

އޭގެ އިތުރުން އެ ކޭބަލް ލޭންޑް ކުރުމަށް ކޭބަލް އަށް ހިދުމަތް ދެވޭފަދަ އިންޓަނެޓް އެކްސްޗޭންޖެއް ގާއިމު ކުރަން ޖެހޭކަމަށް މިނިސްޓްރީން ބުނެ އެވެ. އެ އެކްސްޗޭންޖްގެ ހަގީގީ ފައިދާއަކީ ކޭބަލް ނެތިވެސް އިންޓަނެޓް އަގުހެޔޮ ކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ. އެ ނިޒާމް ގާއިމްކުރަން ހަ މިލިއަން ރުފިޔާ ހޭދަވާނެކަމަށް މިނިސްޓްރީން އަންދާޒާ ކުރެއެވެ.

އިތުރަށް ލިބޭނެކަމަށް ފައިދާތައް

  • އިންޓަނެޓްގެ އަގު ދާއިމީ ގޮތެއްގައި ކުޑަވެގެން ދާނެ
  • ކުންފުނިތަކުން ރާއްޖޭގެ ޑޭޓާ ސެންޓަރުތަކުގެ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވާނެ
  • ރާއްޖޭގައި ބޭރުގެ ބެކްއޮފީސް މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިވާނެ
  • ދިވެހިރާއްޖޭގައި ބޭރު ގައުމުތަކަށް އޮންލައިން ކްލާސް ހިންގޭނެ
  • ރާއްޖޭގެ ހިދުމަތްތައް ބޭރު ގައުމުތަކުގައި ދިނުމަށް މަގު ފަހިވުން

އިތުުރު ސަބްމެރިން ކޭބަލެއް އަޅަން ނިންމިއިރު ގޭގެއަށް ދޭ އިންޓަނެޓްގެ އަގު ހެޔޮކުރި މިންވަރު މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ގޭގެއަށް މިހާރު ދޭ އިންޓަނެޓުގެ ތިން ޕެކޭޖެއްގެ އަގު އެވްރެޖްކޮށް 30 ޕަސެންޓު އަގު ހެޔޮ ކޮށްފައި ވެއެވެ. އަދި ޕެކޭޖް ހުސްވުމުން ދެން އިންޓަނެޓް ލިބޭ ސްޕީޑް ވެސް ދަށެއް ނުކުރެވޭނެ އެވެ. އެއާއެކު 300 ރުފިޔާއިން މަތިން ޕެކޭޖް ނަގާނަމަ ޕެކޭޖް ހުސްވުމުން ވެސް އެންމެ ދަށްކޮށް ފަސް އެމްބީޕީއެސްގައި އިންޓަނެޓް ފޯރުކޮށް ދޭން ޖެހޭނެ އެވެ.