އަލަށް ގުޅާލެވޭ ސަބްމެރިން ކޭބަލްއާއެކު ރާއްޖޭގައި އިންޓަނެޓްގެ އަގު އިތުރަށް ހެޔޮވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވ. ރަކީދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރު ވައުދު ވެވަޑައިގެންނެވި ގޮތަށް އިންޓަނެޓްގެ އަގު ހެޔޮ ކުރައްވާފައިވާ ކަމަށާއި އެ ހިދުމަތުގެ އަގު އިތުރަށް ހެޔޮ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެ ހިސާބުން އަޅުގަނޑުމެން އެކަން ނިންމާނުލާ މިއަށްވުރެ ހަލުވި އަގުހެޔޮ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެގޮތުން ފްރާންސުން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް އަންނަ މަހު ރާއްޖެއަށް ގުޅާލެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އޮގަސްޓްމަހުގެ މެދުތެރޭގައި ފްރާންސްގެ މާސޭއިން ސިންގަޕޯއަށް އެ އަޅާ ސަބްސީ ކޭބަލް (ސަބްމެރިން ކޭބަލް) ރާއްޖެއާ އެއްގަންކުރެވިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ސަބްމެރިން ކޭބަލްގެ ސަބަބުން އިންޓަނެޓް ހަލުވި ވެގެންދާނެ ކަމަށާއި ހިދުމަތުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.
ސަރުކާރުން އިންޓަނެޓާއި މޯބައިލްގެ ހިދުމަތް ނުދޭނެ ކަމަށާއި ސަބްމެރިން ކޭބަލްގެ ސަބަބުން މިހާރުވެސް އިންޓަނެޓް ހިދުމަތް ދޭ ކުންފުނިތަކާއި އަލަށް ހިދުމަތަށް ވަންނަ ކުންފުނިތަކަށް ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ކުދި ރަށްތަކުން ހިދުމަތް ހޯދުމަށް ސަބްމެރިން ކޭބަލް އިތުރު ފަސޭހައަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރަން ސަރުކާރުން ވީ ވައުދުގެ ދަށުން އިންޓަނެޓްގެ އަގު ވަނީ ހެޔޮކޮށްފަ އެވެ.
އެ ގޮތުން ގޭގެއަށް ދޭ އިންޓަނެޓްގެ އަގުން އެވަރެޖުކޮށް 30 ޕަސަންޓު ހެޔޮކުރީ މޭ 27، 2021ގަ އެވެ.
ރާއްޖެ ހިމެނޭ ގޮތަށް 11 ގައުމު ގުޅާލުމަށް ހަމަޖެހިފައިވާ މި ސަބްމެރިން ކޭބަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އެވެ.
ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރީން ކޭބަލް އަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސް ގެ ސްޕީޑް ޓްރާންސްމިޓް ކުރާނެ ސަބްމެރީން ކޭބަލް ސިސްޓަމެކެވެ.