އާބާދީ ކިތަންމެ ކުޑަ ނަމަވެސް އެއްވެސް ރަށެއް އެއްވެސް ރައްޔިތެއް ތަފާތު ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ވަޑައިގެންނެވި ފުރަތަަމަ ރަށް ކަމަށްވާ ވ. ރަކީދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ތަފާތުކުރުމެއްނެތި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި އެހެން ހުރިހާ ކަމެއްވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭނީ އެއްވެސް ތަފާތުކުުރުމެއް ނެތި ހަމަހަމަކަމާއި އެކުގައި ކަމަށެވެ. ޖަޒީރާ ރާއްޖެ މެނިފެސްޓޯއާ އެކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނެވީ ރާއްޖޭގައި ތަފާތުކޮށްގެން ހިދުމަތް ދެމުން ގެންގޮސްފައިވާތީ އެކަން ހުއްޓުވާލުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
"ސަރުކާރުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް. އެކަން އޮންނަން ޖެހޭނީ އެގޮތަށް." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މާޒީގައި އާބާދީ ކުޑަވެގެން ވަކި ރަށެއްގައި ދިރިއުޅޭތީއޭ ބުނެ ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުން ބައެއް ރައްޔިތުން ތިބީ މަހުރޫމްކޮށްފައި ކަމަށެވެ. އެކަން ނިމުމަކަށް ގެނައީ ޖަޒީރާ ރާއްޖޭގެ ތަސައްވަރުގެ ދަށުން އެ މީހަކު ދިރިއުޅޭ ރަށެއްގައި ހުރެ ލިބެންޖެހޭ އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައިދީގެން ކަމުގައި ވިދާޅުވި އެވެ. .
"[ޖަޒީރާ ރާއްޖެ ތަރައްގީގެ ތަސައްވުރުގެ] ދަށުން އަޅުގަނޑުމެން ރާއްޖެ ތަރައްގީކުރަމުން މިދަނީ. ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެމުން [މަދަނީ]،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ވ. ރަކީދޫގައި އާބާދީ ކުޑަ ވާން މެދުވެރިވީ އެ ރަށުގައި ރައްޔިތުންނަށް ލިބެންޖެހޭ ބައެއް ހިދުމަތްތައް ނުލިބުމުގެ ސަބަބުން ކަމެށެވެ. އެގޮތުން ތައުލީމު ހާސިލް ކުރުމަށް އެހެން ރަށްރަށަށް ދާން ޖެހުމަކީ މީގެ އެއް ސަބަބު ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރަނގަޅު ސިއްހީ ހިދުމަތްތައް ރަށުން ނުލިބުމަކީވެސް ރަކީދޫގެ އާބާދީ މަދުވި ސަބަބެއް ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމާއެކު މުޅި ރާއްޖެ އަންނަ އަހަރު ތެރޭގައި ގުޅުވާލެވޭނެ ކަމަށެވެ. މި ނިޒާމާއެކު ރަކީދޫ ކަހަލަ އާބާދީ ކުޑަ ރަށްތަކުގެ ރައްޔިތުންނަށް ރަށުން ލިބެން ނެތް ހިދުމަތް ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމުގައި ވިދާޅުވި އެވެ. އެހެންވެ ސަރުކާރުން ގެންނަ ބަދަލުތަކާއި އެކީގައި ރަކީދޫގެ އާބާދީ އަލުން އިތުރުވަމުން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.