ދުނިޔެ

ފްރާންސްގެ ނޫހަށް ދިން ހަމަލާގެ ޒިންމާ އަލް ގައިދާ އިން ނަގައިފި

އަލްގައިދާގެ ޔަމަން ގޮފިން މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ މިއަދު ޔޫޓިއުބުގައި އާންމުކުރި ވީޑިއޯ މެސެޖަކުންނެވެ. މި ވީޑިއޯގައި، އަލްގައިދާގެ ޔަމަން ގޮފީގެ ވެރިޔާ، ނަސީރު ބިން އަލީ އަލް އަންސީ ބުނެފައި ވަނީ ޝާލީ ހެބްދޫއާ ދެކޮޅަށް އެ ހަމަލާ ދިނުމަށް އަމުރުކުރަން ޖެހުނީ ރަސޫލާ އަށް ފުރައްސާރަކޮށްފައިވާތީ ކަމަށެވެ. އޭނާ ބުނެފައި ވަނީ ﷲގެ ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލައިގެ ބަދަލު ހިފިއްޖެ ކަމަށެވެ.

ޝާލީ ހެބްދޫގެ އޮފީހަށް ދިން ހަމަލާގައި ހަނގުރާމަވެރިންގެ ދެ މީހުން ވަނީ އެ ނޫހުގެ އެޑިޓަރާ އެކު މަޝްހޫރު އެހެން ކާޓޫނިސްޓުންތަކެއް ވެސް މަރާލައިފަ އެވެ. އެއަށް ފަހު ތިން ދުވަސް ވަންދެން ފުލުހުންނާ ދެކޮޅަށް ބަދަލުކުރި ހަމަލާތަކާ އެކު ހަމަނުޖެހުންތަކުގައި ޖުމްލަ 17 މީހަކު މަރާލާފައިވެ އެވެ.

ނޫހަށް ހަމަލާ ދިނުމަށް ފަހު ހަނގުރާމަވެރިން ދެ މީހުން ވަނީ ރަހީނުކޮށްގެން އުޅުނު ބަޔަކު ވެސް މަރާލައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދެ ހަނގުރާމަވެރިންނަކީ ވެސް ޔަމަނުގައި އަލްގައިދާގެ ގޮފިތަކާ އެކު ތަމްރީން ހަދާފައިވާ ދެ މީހުންނެވެ.

މި ހަމަލާ ރޭވުމަށް އަލްގައިދާ އިން މި ދެ މީހުންނަށް 20،000 އެމެރިކާ ޑޮލަރާއި ހަތިޔާރު ފޯރުކޮށްދީފައިވާ ކަމަށް ފްރާންސްގެ ފުލުހުން ބުނެ އެވެ.

ހަމަލާގެ ޒިންމާ ނަގާފައިވާ އަލްގައިދާގެ މި ގޮތްޕަކީ، އަލްގައިދާގެ މިފަދަ ގޮފިތަކުގެ ތެރެއިން މިހާރު އެންމެ ބާރުގަދަކޮށް ހަރަކާތްތެރިވާ ގްރޫޕެވެ.