ވިލިމާލެ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދޭން ރައީސް އަށް ދަންނަވައިފި

ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހެދުމަށް ފުރުސަތު ދިނުމަށް ޕްލޭނިން ގަވައިދު އިސްލާހު ކޮށްދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޑރ. މުއިއްޒު މިކަމަށް ހުށަހެޅުއްވީ މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަދު ރައީސް ސޯލިހާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ.

މިބައްދަލުވުމުގައި ވިލިމާލެއާ ގުޅޭގޮތުން ދެކެވުނު ވާހަކަތައް ހިއްސާކުރައްވަމުން މުއިއްޒު މިރޭ ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރުމަށް މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ އިމާރާތް ކުރަން ބޭނުންވާ ލޯން ބޭންކުން ނުލިބޭ މައްސަލަ ކަން ރައީސް ސޯލިހްގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. އެމައްސަލަ އެހެން ދިމާވަނީ ވިލިމާލޭގައި މިހާރު އިމާރާތް ކުރަން ހުއްދަ އޮންނަ އުސްމިނުގެ ސަބަބުން ކަމުގައިވެސް ވިދާޅުވި އެވެ.

ވިލިމާލޭގައި މިހާރު އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ. ނަމަވެސް ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހެދުމަށް ފުރުސަތު ދިނުމަށް އާ ކައުންސިލުން ވަނީ ނިންމާފަ އެވެ.

"ދެން އަޅުގަނޑަށް ވެސް އެނގޭ އެތަނުގެ ޕްލޭންގެ އޮރިޖިނަލް ކޮންސެޕްޓަކީ ކޮން ގޮތަކަށް އޮތް ކޮންސެޕްޓެއް ކަން. އެކަމުގައި އަމަލީ ގޮތުން ކުރީގައި ބައިވެރިވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެ މަފްހޫމް އަންޑަސްޓޭންޑްވޭ،" ވިލިމާލޭގައި އުސްކޮށް އިމާރާތްތައް ހަދަން ފުރުސަތު ނުދޭން ނިންމާފައި އޮތް ސަބަބު އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން މުއިއްޒު މިރޭ ވިދާޅުވި އެވެ.

އެކަމަކު ވިލިމާލޭގެ ހާލަތު މިހާރު ހުރި ގޮތުން އިމާރާތްތައް އުސްކޮށް ނުހެދޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެންނަން އާވިސްނުމަކަށް ދާން ޖެހޭ ކަމުގައި ރައީސް އަށް ދެންނެވި ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހެދޭނެ ގޮތަށް ޕްލޭނިން ގަވައިދު އިސްލާހު ކުރުމަށް މާލެ ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާއިރު އެ ބަދަލު ގެންނަން މަގުފަހިކޮށްދިނުމަށް ރައީސް އަށް ދެންނެވި ކަމުގައި މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.

ވިލިމާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ވިލިމާލޭގެ ލޭންްޑް ޔޫޒް ޕްލޭނެެއް ހަދައި މިހާތަނަށް ފާސްކޮށްފައެއް ވެސް ނުވެ އެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ލޭންޑް ޔޫޒް ޕްލޭން ހަދައި އެއް މަސް ދުވަހުގެ ތެރޭގައި ފާސްކުރާނެ ކަމަށެވެ. އެކަން މުއިއްޒު ހާމަކުރެއްވީ މިމަހުގެ 17 ވަނަ ދުވަހު މާލޭގެ މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.

މާލެއާއި ވިލިމާލޭގައި ދިރިއުޅޭ އެންމެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށްގެން މާލެއާއި ވިލިމާލޭގައި ހައުސިން މަޝްރޫއެއް ފަށާނެ ކަމަށްވެސް މުއިއްޒު މީގެކުރިން ވަނީ އިއުލާންކުރައްވާފަ އެވެ. ރައީސް ސޯލިހާ އެކު މިއަދު ބޭއްވި ބައްދަލުުވުމުގައި މުއިއްޒު ވަނީ އެ ފުރުސަތު މާލެ ސިޓީ ކައުންސިލަށް ދެއްވުމަށްވެސް ދަންނަވާފަ އެވެ.

މީގެއިތުރުން ވިލިމާލޭގެ ބަނދަރު އެ އަވަށުގެ ރައްޔިތުންނަށް މިހާރަށް ވުރެ ބޮޑަށް ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމަށާއި ވިލިމާލޭގައި ޕާކްތައް ހެދުމަށާއި މަސް މާރުކޭޓެއް ހެދުމަށާއި ވިލިމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދޭނެ އެހެން ފަރާތްތަކެއްް ހޯދަން ޕްލޭންގައި އެބައޮތް ކަމަށްވެސް މުއިއްޒު މޭޔަރު ކަމުގެ ހުވާކުރެއްވި ދުވަހު ވަނީ ވިދާޅުވެފަ އެވެ.