ވިލިމާލެ

ވިލިމާލޭގައި 500 ހައުސިން ޔުނިޓް އަޅަން ފަށަނީ

ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 500 ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހު ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރާއި ބައެއް ކައުންސިލަރުން ހުވާކުރުމަށް ރޭ ދަރުބާރުގައި ބޭއްވި ދަރުބާރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހަމަޖެހިފައިވާ އެއްކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުން ކަމަށެވެ.

ވިލިމާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރަކަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގެންނެވި ވައުދެކެވެ.

ރައީސް މުއިއްޒު ރޭ ވިދާޅުވީ އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ވިލިމާލޭގައި އެޅުމަށް ހަމަޖެއްސި 500 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް އޭރުގެ ސަރުުކާރުން ހުއްދަ ނުދިނުމުން އެކަން އޭރު ކުރެވޭ ގޮތް ނުވި ކަމަށެވެ. ނަމަވެސް މިސަރުކާރުން އެކަމަށް އެއްބާރުލުން ދީ މަސައްްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ވިލިމާލޭގެ އެންމެ ބޮޑު މައްސަލައަކީ ހައުސިން މައްސަލަކަމުން، އެކަން ހައްލުކުރުމުގެ ގޮތުން 500 ހައުސިން އެޅުމުގެ މަސައްކަތް މިި ދެއްނެވި މުއްދަތުގައިި ފެށިގެންދާނެ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާ އިން ދީފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ ސިނަމާލެ ސަރަހައްދުގައި ގެދޮރު ބިނާކުރުމަށްޓަކައި ފަށަން ނިންމާފައި އޮތް މަޝްރޫއަށްވެސް ކުރީގެ ސަރުކާރުން ހުއްދަ ނުދިން ކަމަށެވެ. އެކަމަކު އެ މަޝްރޫއުވެސް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަޙައްދުގައި މިހާރު އެތާ އެހެރަ ފަސް އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާ ވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ. އެ އިމާރާތް އަޅައި ނިމުނީމާ މި ފަސް އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ، އެއަށްވުރެ ޖާގަ ބޮޑު ފްލެޓްތަކެއް އެ ތަނުން ލިބިގެންދާނެ. ލިބިގެން ދިޔައިމާ ބާވެފައި ހުރި މި ދެންނެވި ފަސް އިމާރާތް ތަޅައިލެވި، އެތަންތަނުގައި އާ އިމާރާތް އެޅިގެންދާނެ. އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.