ހަބަރު

"ހިޔާ" މަޝްރޫއުއަށް ފޯމްލާ އެންމެންނަށް ފްލެޓް ލިބޭނެ: މުއިއްޒު

މި ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުއަށް ފޯމް ލާފައިވާ އެންމެންނާއި ކުރިއަށް އޮތް ތަނުގައި ފޯމްލާ އެންމެންނަށް ވެސް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ވިލިމާލެ ދެއެއް ނުވަތަ "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުގެ މާސްޓަ ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މާސްޓަ ޕްލޭން ލޯންޗުކޮށްދެއްވީ ރައީސް ޔާމީންގެ ނައިބު އަބްދުﷲ ޖިހާދެވެ.

މާސްޓަ ޕްލޭންގެ މާބޮޑު ތަފްސީލެއް މިރޭ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ވިލިމާލެ ދެއެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ފުށިދިއްގަރު ފަޅަކީ އާބަން ސެންޓަރުތަކެއް ގާއިމްކުރަން ވަރަށް އެކަށީގެންވާ ފަޅެއް ކަމަށް ވަނީ ބުނެފަ އެވެ. އޭގެއިތުރަށް މާލެ އާއި ވިލިމާލެ އާއި ވިލިމާލެ ދެއެެއް ބްރިޖުން ގުޅާލާނެކަން ވެސް މާސްޓަ ޕްލޭންގައި ހިމަނާފައިވެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ވިލިމާލެ ދެއެއް ތަރައްގީކޮށް ނިމޭއިރު މިހާރު ބޯހިޔާވެހިކަން ބޭނުންވެފައިވާ ހުރިހާ އެންމެންނާއި 2030 ވަނަ އަހަރަށް 18 އަހަރު ފުރޭ އެންމެންނަށް ބޯހިޔާވެހިކަން ކަށަވަރުވެގެން ދާނެ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަޝްރޫއު ނިމޭއިރު ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށްވުރެ ބޯހިޔާވެހިކަން އިތުރުވެފަ އޮންނާނީ، އެއީ ރައީސް ޔާމީންގެ ތަސައްވުރަކީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ވިލިމާލެ ހިޔާ މަޝްރޫއަކީ ދެވަނަ ދައުރަކަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހޮވިވަޑައިގެން ރައްޔިތުންނަށް ކޮށްދެއްވާނެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރުމަށް ރައްޔިތުންގެ ފުރިހަމަ ތަރުހީބެއް ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެތްނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަޝްރޫއަކީ އެމަނިކުފާނު [ރައީސް ޔާމީން] އިއުލާން ކުރެއްވި ފަދައިން މި [ވިލިމާލެ ހިޔާ] މަޝްރޫއު ނިމިގެންދާއިރު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެ ނުލިބި އެއްވެސް ރައްޔިތަކު ނުހުންނާނެ، މިހާރު ރާއްޖޭގެ އާބާދީގައި ތިބި ހުރިހާ ރައްޔިތުންނަށް ބަލާއިރު ބޯހިޔާވަހިކަން ބޭނުންވާނެ ހުރިހާ އެންމެނަށް ބޯހިޔާވަހިކަން ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ވިލިމާލެ ދޭއްގެ މަޝްރޫއުގެ ދަށުން ގާއިމް ކުރެވިގެންދަނީ 82،000 ފްލެޓް ކަމަށާއި އަދި ހުރިހާ ރަށްތަކެއް ބްރިޖުން ގްޅާލެވިގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން 140،000 އަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މަސައްކަތް އެތަނުގައި ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ވިލިމާލެ ދެއަކުން ފްލެޓް ހޯދުމަށް މިހާތަނަށް ފޯމްލާފައިވާ އެންމެންނަށް ވެސް ފްލެޓް ލިބޭނެ ކަމަށެވެ. މިހާތަނަށް 18،000 ފޯމްލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ވިލިމާލެ ދެއެއް މަޝްރޫއަށާއި ހުޅުމާލެ ދެވަނަ ފިޔަވަހިން ފްލެޓް ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހަށެވެ.

"މިހާރު ފޯމް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް 18،000 ރައްޔިތުން، އަދި ބާކީ އެބައޮތް ކުޑަ ދުވަސްކޮޅެއް މިމަހުގެ 30އާ ހަމައަށް، އަޅުގަނޑު ގާތުގައި ރައީސް ޔާމީން ވިދާޅުވީ، މިތަނަށް އަޅުގަނޑު އައިސް ވާހަކަ ދައްކަވާއިރުގައި ރައްޔިތުންނަށް ވާހަކައެއް ދަންނަވާލުމަށް، އެމަނިކުފާނު ވިދާޅުވީ މިހާރު މި ފޯމް ހުށަހަޅާފައިވާ ހުރިހާ ރައްޔިތުންނާއި އަދި މިމަހުގެ މުހުލަތަށް މި ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީިންކަން ދެއްވުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދިނުމަށް އެދިފައިވާ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ފެންނަމުން މިދިޔައީ ރައްޔިތުންގެ ތެރެއިން އެތައްހާސް ރައްޔިތުންނެތް ބޯހިޔާވަހިކަން ބޭނުންވެފަ ތިބި އިރުގައި ބޯހިޔާވަހިކަން މި ފޯރުކޮށް ދެވެނީ ރައްޔިތުންގެ ތެރެއިން މަދު އިންސައްތައަކަށް، މަދު އަދަދުތަކަކަށް، އެހެން ނަމަވެސް މި މަޝްރޫއު ނިމޭއިރުގައި ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންނަށްވުރެ ބޯހިޔާވަހިކަން އިތުރުވެފަ އޮންނާނީ، ފަސްޓް ހޯމްގެ އިތުރަށް ސެކަންޑް އަދި ތާޑް ހޯމް އޯން ކުރެވޭ ވަރަށް މި ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދެވިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލެ ދެއެއްގެ މަޝްރޫއު ރައީސް އިއުލާން ކުރެއްވީ މިނިވަން ދުވަހު ދެއްވި ހިތޯބުގަ އެވެ. ރައީސް އެ ރޭ ވިދާޅުވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާބާދު ކުރެވޭ އެއް ލައްކައަށް ވުރެ ގިނަ މީހުންގެ އިތުރުން ވިލިމާލޭ 2 ގައި 315،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެ ޝަހަރު މާލެއާ ގުޅާލެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަަޝްރޫއުގެ ތެރެއިން މިހާރު ގެދޮރު ނެތް 18 އަހަރުން މަތީގެ މީހުންނަށާއި މިއަދުން ފެށިގެން 2030 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމަޔަށް 18 އަހަރު ފުރެމުންދާ ކޮންމެ ދިވެހި ޒުވާނުންނަށް މަދުވެގެން 1000 އަކަ ފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ ދެ މަޝްރޫއާއެކު ކުރިޔަށް އޮތް 10 ވަރަކަށް އަހަރު ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދީ ނިންމޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.