"މިހާރު" ނޫހު ލިޔުނު ލިޔުމެއްގެ މަސްދަރު ހޯދަން އުޅޭތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ކަމަށް ބުނެ މައުލޫމާތުތަކެއް މިހާރުގައި ޝާއިއު މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ނޫހުގައި އެ މައުލޫމާތުތައް ދިން މީހެއްގެ ނަން ހާމަކޮށްފައެއް ނުވެއެވެ. އެހާ ސިއްރު މުހިންމު މައުލޫމާތުތަކެއް ހާމަވުމުން އެކަން ހިނގައި ދިޔަ ގޮތް ބަަލަން މަޖިލީހުގެ ސަލާމަތީ ކޮމެޓީން ވެސް މިހާރުވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ނޫހުގައި ލިޔުނު ލިޔުމުގެ މަސްދަރު އެއްވެސް ތަހުގީގެއްގެ ތެރެއިން ހޯދަން އެއްވެސް ވަރަަކަށް މަސައްކަތް ކުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ހާއްސަކޮށް ޕްރެސް ފްރީޑަމްގައި ރާއްޖެ ކުރި އަރަފައި ވަނިކޮށް ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މިންގަނޑުގައި ފަހަތަށް އެޅިގަންދާނެ ފިޔަވަޅެއް ކަމަށެވެ.
"... އެއީ ރާއްޖޭގެ އިންވެސްޓިގޭޓިވް ޖާނަލިޒަމް ކުރިއެރުމަށް އެޅިގެންދާ ހުރަހެއް ކަމަށް ކަމުގައި ނޫނީ ނުވާނެ އެވެ. އެހެން ކަމުން ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް ގޮވާލާ ގޮތަށް ފާޅުކުރަމުންދާ ހިޔާލުތައް މި ކައުންސިލުން ކުށްވެރިކޮށް އެކަން ނުކުރުމަށް އިލްތިމާސް ކުރަމެވެ." އެމްއެމްސީގެ ބަޔާނުގައި ވެއެވެ.
އެ މައްސަލައިގައި މީޑިއާ ކައުންސިލްއިން ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްްރިރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއާ ވެސް ވާހަކަ ދައްކައިފަ އެވެ. ނޫސްވެރިޔާގެ ކިބައިން މަސްދަރު ހޯދަން މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން އަސްލަމް ދެއްވާފައިވާ ކަމަށް އެމްއެމްސީއިން ބުނެ އެވެ.
ހަމަ އެހެންމެ ގައުމީ ސަލާމަތާ ގުޅުން ހުރި އެފަދަ ހާއްސަ މައްސަލަތަކުގައި ހަބަރުތައް އާންމުކުރާއިރު ނޫސްވެރިންނާއި މީޑިއާތަކުންވެސް އިތުރަށް ސަމާލުވެ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވައިދާއި އަދި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުތަަކަށް ފުރިހަމައަށް ތަބާވުމަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފަ އެވެ.