މަގު ހެދުން

އާރްޑީސީ އިން ދިޔަރެސް ނޫހާ ދެކޮޅަށް ދައުވާކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދިޔަރެސް ނޫހާ ދެކޮޅަށް ދައުވާކުރުމަށް ނިންމާ އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އާރްޑީސީ އިން ދިޔަރެސް ނޫހާ ދެކޮޅަށް ދައުވާ އުފުލާފައި މިވަނީ އާރްޑީސީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައެއް ރިޕޯޓްކުރުމުންނެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ އެ ކުންފުންޏާއާ ގުޅޭގޮތުން އަދި އޭނާއާ ގުޅޭގޮތުން ދިޔަރެސް ނޫހުން ފަތުރަމުން ގެންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

"ސައްހަކަން ކަށަވަރުކުރުމެއް ނެތި ދިޔަރެސް ނޫހުން ފަތުރަމުންގެންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއްނެއް ވާހަކަތަކެއް،" މޫސާ އަލިމަނިކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އާރްޑީސީ އަކީ ވިޔަފާރި ކުންފުންޏަކަށްވާއިރު އެ ކުންފުންޏާ ގުޅޭގޮތުން ހަގީގަތާ ހިފާލު ވާހަކަތައް ފެތުރުމަކީ ކުންފުނީގެ އިތުބާރު ގެއްލި ވިޔަފާރިއަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ދިޔަރެސްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅުމަށްވެސް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

"ހަގީގަތާ ހިލާފު ވާހަކަދައްކާނަމަ ގާނޫނާ ހިލާފު ހުރިހާ ފިޔަވަޅެއް އަޅާނަން،" އޭނާ ވިދާޅުވި އެވެ.