މަގު ހެދުން

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފަށައިފި

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ހާއްސަކޮށްގެން މަޝްރޫއެއް ފަށައިފި އެވެ.

މިމަޝްރޫއަކީ މާލޭގެ މަގުތައް ތާރުއަޅައިގެން އަލުން ހެދުމުގެ މަޝްރޫއު ފެށުން ލަސްވާތީ ފެންބޮޑުވާ މައްސަލައަށް މިވަގުތަށްވެސް ހައްލެއް ހޯދުމަށް ފެށި މަޝްރޫއެކެވެ.

މިމަޝްރޫއު މިއަދު ފެށީ މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ އެއް ސަރަހައްދު ކަމުގައިވާ މާލޭގެ ވެސްޓްޕާކް ސަރަހައްދުންނެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ އެކު އެމްއެންޑީއެފް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ވެސް މިމަޝްރޫއުގައި ބައިވެރިވެ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވީ މިއަދު ފެށި މަޝްރޫއަކީ ކުރިއަށް އޮތް ވިއްސާރަ މޫސުމުގައި މާލޭގައި ފެން ބޮޑުވާނެތީ އެކަމަށް މިވަގުތަށްވެސް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި ފެން ބޭރުކުރެވޭނެ އިތުރު ވަސީލަތްތައް ގާއިމުކޮށް ޒަމާނީ ބޮޑެތި ފެން ޕަންޕްތައް ހޯދައި މިހާރު ހުރި ޕަންޕްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"ފެން ބޮޑުވެއްޖެނަމަ ގެތަކަށް އެންމެ ބޮޑު ގެއްލުންތަކެއް ލިބޭ ސަރަހައްދަކީ މިއީ. އެއީ މި ސަރަޙައްދުގެ މަގުތައް ހެދިފައި ހުރި ގޮތުން. މި ސަރަހައްދަށް ހުރިހާ ފެންތަކެއް ޖަމާވާ ގޮތަކަށް މި އޮންނަނީ،" މުއްތަލިބް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ތަސައްވުރެއް ރައީސް މުއިއްޒުގެ އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

"އެ ދިމާވާ ކޮންމެ ތަކުލީފްތަކާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހާ އެވަގުތަށް ބޭނުންވާ ހައްލެއް ހޯދުމަށް ސަރުކާރުން ދިޔައީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ މާލޭގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭ ގޮތަށް މާލޭގެ މަގުތައް އަލުން ހަދަން ފެށުމަކީ ރައީސް މުއިއްޒު އިސްކަން ދެއްވާ ކަމެއް ކަމަށެވެ. އަދި މޫސުމީ ގެއްލުންތަކާ ގުޅިގެން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަކީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ރައީސް ބެއްލެވުމަށްފަހު ފައިސާ ހަމަޖައްސަވާފައިވާ މަސައްކަތެއް،" މިއަދު ފެށި މަޝްރޫއަށް އިޝާރަތް ކުރައްވާ ޣައްސާން ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިއާއެކު ބައެއް ގެތަކަށް ފެނުގެ އަސަރުކޮށް ގެތަކަށް ގެއްލުންވެއެވެ. އަދި އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިއްކަން ފޯރުކޮށްދިނުމާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތައް ކުރިމަތިވެއެވެ.

ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ނިންމަވާފައެވެ.