މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ މިހާތަނަށް 37 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 37 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުތަކަށް ކޮންޓްރެކްޓު އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1.976 ބިލިއަން ރުފިޔާ ކަމަށެވެ.
ނިމިފައިވާ 37 މަޝްރޫއުގެ ތަފްސީލު
- ބަނދަރު ހެދުމުގެ ހަތަރު މަޝްރޫއު - 238 މިލިއަން ރުފިޔާ
- ބިން ހިއްކުމުގެ އެއް މަޝްރޫއު - 91.4 މިލިއަން ރުފިޔާ
- މަގު ހެދުމުގެ އެއް މަޝްރޫއު - 79 މިލިއަން ރުފިޔާ
- ގޮނޑުދޮށް ހިމާޔަތްކުރުމުގެ ތިން މަޝްރޫއު - 2.18 ބިލިއަން ރުފިޔާ
- ފެނާއި ނަރުދަމާގެ 29 މަޝްރޫއު - 1.54 ބިލިއަން ރުފިޔާ
މިނިސްޓަރު ވިދާޅުވީ 17 ނޮވެމްބަރު 2024 ގެ ކުރިން އިތުރު 21 މަޝްރޫއެއް ނިންމާލެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ޕޯޓްގެ މަޝްރޫއަކާއި، ބިން ހިއްކުމުގެ މަޝްރޫއަކާއި، މަގު ހެދުމުގެ ދެ މަޝްރޫއަކާއި، ފެނާއި ނަރުދަމާގެ ނުވަ މަޝްރޫއު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ތިން މަޝްރޫއު، ބަންދަރުގެ ހަތަރު މަޝްރޫއު އަދި އެއާޕޯޓް މަޝްރޫއެއް ހިމެނެއެވެ.
އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓް ފައިސާގެ އަދަދަކީ 15 ބިލިއަން ރުފިޔާ އެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ މަޝްރޫއުތައް ނިންމުމަށް ދިިމާވާ ބޮޑު އެއް ދައްޗަކީ މިދިޔަ ސަރުކާރުގެ ދައުރު ނިމުމާ ހަމައަށް ސޮއިކޮށްފައިހުރި މަޝްރޫއުތައް ކުރިއަށް ގެންދެވޭ މިންވަރަށް މި އަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައަލާފައިނުވުން ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ވަނީ 39.9 ބިލިއަން ރުފިޔާގެ 322 މަޝްރޫއެއް އިންފްރާސްޓްރަކްޗާ މިނިސްޓްރިީގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ އެންމެ 3.6 ބިލިއަން ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ 2024 ވަނަ އަހަރުގެ ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ އަދަދުގެ ބައިކުޅަބައި. އަޅުގަނޑު ގަބޫލުކުރަނީ ގާތްގަނޑަކަށް 15، 20 ޕަސަންޓާ ދެމެދުގެ އަދަދެއް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ގާނޫނުގައި ކަނޑައަޅާފައިވަނީ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ބަޖެޓުގައި ފައިސާ ހިމަނާފައިވާ އަދަދަކަށް އަދި ފައިސާ ލިބޭ މިންވަރަށް ކަމަށް ވުމުން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ނެތް ނަމަވެސް ވީހާވެސް ގިނަ މަޝްރޫއެއް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވެފައިވެ އެވެ.