ޑރ. އަބްދުﷲ މުއްތަލިބް

ހުއްޓިފައިވާ 32 މަޝްރޫއެއް ވާނީ ފަށާފައި: މުއްތަލިބް

ނިމިދިޔަ ސަރުކާރުން ފަށާފައިވާ އެތައް މަޝްރޫއެއް މިސަރުކާރުން ހުއްޓާލާފައިވާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވުމާ ގުޅިގެން މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ރައްދުދެއްވައިފި އެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުން ހައްލުކުރުމަށްޓަކައި އަތޮޅު ތެރޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ނިމިދިޔަ ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތަކެއް ފެށި ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު އެ މަޝްރޫއުތައް މިސަރުކާރުން ހުއްޓާލާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވީ ރޭ ސަލްޓަންޕާކްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހްގެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެމްޓީސީސީއާއި އާރްޑީސީ އިން ކުރިން ފަށާފައި އޮތް 64 ހަތަރު މަޝްރޫއެއްގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރެއިން 32 މަޝްރޫއެއްގެ މަސައްކަތް މިސަރުކާރުން އަލުން ފަށާފައިވާ ކަމަށެވެ. އަދި އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވާ އެކަމަކު ފަށާފައި ނުވާ 83 މަޝްރޫއެއް އަދިވެސް އެބައޮތް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފެނަކަ، އެމްޑަބްލިއުއެސްސީ އަދި އެހެން ބައެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ ވަރަށް ގިނަ އިތުރު މަޝްރޫއުތައްވެސް ނުފެށި ހުރިކަން މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

މިސަރުކާރުގެ އަމާޒަކީ ހުރިހާ މަޝްރޫއެއްވެސް ވީއެންމެ އަވަހަށް ފަށައިގަތުން ކަމުގައިވެސް މުއްތަލިބް ވިދާޅުވި އެވެ.