އަލީ ހުސައިން

އާއިލާ ވެރިކަމަށް ނިމުމެއް ނާދޭ: އަލީ ހުސައިން

އާއިލީ ވެރިކަމަށް ނިންމުން ނާންނަ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ފާޑުވިދާޅުވެއްޖެ އެވެ.

2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންއާ ދެކޮޅަށް އެމްޑީޕީން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އެމަނިކުފާނު ކުރައްވަނީ އާއިލީ ވެރިކަމެއް ކަމަށެވެ. އަދި އެމްޑީޕީން ނިކުމެ އޮތީ އާއިލާ ވެރިކަން ނިމުމަކަށް ގެނައުމަަށް ކަމަަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ އަލީ ހުސައިން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ހީކޮށްގެން ތިބީ ނޮވެންބަރު 11، 2008 އިން ފެށިގެން ރާއްޖެއިން އާއިލީ ވެރިކަން ނިމުމަކަށް އައީ ކަމަށެވެ. އެއީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެށުނު ދުވަހެވެ.

ނަމަވެސް އަލީ ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރު އައިރުވެސް އެކަން ބަދަލު ނުވެ އެ ގޮތުގައި ދެމި އެބައޮތެވެ. އޭނާ ވިދާޅުވީ އެއް އާއިލާއަކަށް ހުރިހާ ބާރެއް ލިބުމުން އިންސާފު ނުލިބޭ ކަމަށާ އަދި މައްސަލަތަކަށް ހައްލެއް ނާންނަ ކަމަށެވެ.

އަލީ ހުސައިންގެ މި ޓްވީޓުން ސީދާ އިޝާރާތް ކުރަނީ ކޮން ކަމަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

ދިވެހިން ހީކޮށްގެން ތިބީ ނޮވެންބަރު 11، 2008 އިން ފެށިގެން އާއިލީ ވެރިކަން ރާއްޖޭގައި ނިމުމަކަށް އައީ ކަމަށް. އެހެނަސް 2021 އައިއިރުވެސް އެކަން ބަދަލެއް ނުވޭ. އެއް އާއިލާއަކަށް ހުރިހައި ބާރުތަކެއް ލިބުނީމާވެސް އިންސާފެއް ނުލިބޭ. މައްސަލަތައް ހައްލެއް ނުވޭ
އަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު

މި ސަރުކާރުގެ އެކި މަގާމުތަކުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އާއިލީ ބޭފުޅުން އެބަ ތިއްބެވިއެވެ. އެކަމާއި ގުޅިގެން ސަަރުކާރަށް ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ނާއިބު ރަައީސް އީވާ އަބްދުﷲ އަކީވެސް އާއިލީ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނާއި ސަަރުކާރާވެސް ގިނަ ގޮތްގޮތުން ވަނީ ގުޅިފައެވެ. ނަމަވެސް އާއިލީ ވެރިކަމުގެ ވާހަކަ ދެއްކުން އެމްޑީޕީން މިހާރު ވަނީ މުޅީން ހުއްޓާލާފައެވެ.