ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކުރިން އެނގިވަޑައިގެން ދީފައިވާ ހަމަލާއެއް ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަދައްކާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިނީ ރައީސް ސޯލިހަށް ދުރާލާ އެނގިވަޑައިގެން ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އަދި އެ ހަމަލާ އަކީ ސަރުކާރުން ބޭނުންވެގެން ދިން ހަމަލާއެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށްވެސް އެބޭފުޅުން ވާހަކަދައްކަވާފަ އެވެ. އެހެންވެ ރައީސް ސޯލިހަކީ ގައުމަށް ހުރި ނުރައްކަލެއް ކަމަށްވެސް ސިފަކުރެއްވި އެވެ.
ރައީސް ސޯލިހާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނީ ސަރުކާރަށް ކުރިން އެނގިގެން ކަމަށް ބުނެ ކުރާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
މިއުވާން ވިދާޅުވީ ރައީސް ސޯލިހާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަދައްކަނީ އަސްލު މައްސަލައިގެ ސީރިއަސްކަން ގެއްލުވާލުމަށް ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ބަޔަކަށް ގެއްލިފައިވާ ތާއިދު އަނބުރާ ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ހިމާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ދެކެވުނު އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް އެއީ،" މިއުވާން ވިދާޅުވި އެވެ.
ރައީސް ސޯލިހާ ގުޅުވައިގެން ދައްކަވަނީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއްނަމަ އެ ވާހަކަތައް ސާބިތުކުރެވޭ ވަރުގެ ޕްލެޓްފޯމެއްގައި އެވާހަކަ ނުދައްކަވަނީ ކީވެގެންތޯވެސް މިއުވާން ވަނީ ސުވާލު އުފައްދަވާފަ އެވެ.
ރުޅިވެރިކަމާއި ބައިބައިވުން އުފެދޭ އެފަދަ ނުރައްކާތެރި ދޮގުވާހަކަތައް ދައްކާނަމަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން އެ މައްސަލައެއް ބައްލަވާނެ ކަމުގައިވެސް މިއުވާން ވަނީ ވިދާޅުވެފަ އެވެ.