އަބުރު ކަތިލުމުގެ ގޮތުން "ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަށް" ނުޖެހޭނެ ކަމުގައި އަލިފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދ ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
މުހައްމަދު ރަޝީދު މިހެން ވިދާޅުވެފައި މިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ކޮމިޓީން ބޭރުކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަރަށް ބޮޑަށް މުހައްމަދު ރަޝީދަށް ފާޑު ވިދާޅުވެފައިވާ ވަގުތެއްގަ އެވެ.
ޒަމީލްގެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބަލަން ނުފެންނަ ކަމަށް ނިންމީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވެސް ވޯޓާ އެކު އެވެ. އެގޮތުން މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންނަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއާއި، ކޮމަންޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ.
މެންބަރު އީވާ ތުހުމަތު ކުރައްވާ ގޮތުގައި ކޮމިޓީން އެ މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ވޯޓު ދެއްވީ މުހައްމަދު ރަޝީދު އެ މެންބަރުންނަށް ފޯނު ކުރައްވާ އެކަން ކުރަން އެންގެވުމުންނެވެ. މުހައްމަދު ރަޝީދު އެގޮތަށް އަމަލުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވަ އެވެ. ރައީސް ސޯލިހާއި މުހައްމަދު ރަޝީދަކީ ޅިޔަނުންނެވެ.
މުހައްމަދު ރަޝީދަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖުގައި މުހައްމަދު ރަޝީދު ޓެގް ކުރައްވާ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.
ރައީސް ނަޝީދު އެދިވަޑައިގެން ކޮމިޓީއަށް ކަމެއް ހުށަހަޅާ ކޮންމެ ފަހަރަކު އެކަމެއް ގޯސް ކުރަން މުހައްމަދު ރަޝީދު އުޅުއްވަނީ ކީއްވެގެންތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ހާލަތާ މެދު ހަމްދަރުދީ އޮތް މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ. އޭގެ ފަހުގައި އީވާ ވިދާޅުވެފައި ވަނީ "މާތްކަލާކޯ މީވާ ސަރުކާރެއް،" ކަމަށެވެ.
އީވާގެ މެސެޖުތަކަށް ހަތަރު ދުވަސް ފަހުން ރައްދު ދެއްވަމުން ވަޓްސްގުރޫޕަށް ފޮނުއްވި މެސެޖެއްގައި މުހައްމަދު ރަޝީދު ވިދާޅުވީ އަބުރު ކަތިލުމުގެ ގޮތުން ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ދައްކަމުން ދާތީ އެއޯ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ހައްގު ބަސް ބުނުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑު ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން" ކުރީގެ ރައީސް ޑރ. ވަހީދުގެ ވެސް ޅިޔަނެއް ކަމުގައިވާ މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އޭނާ އަކީ ފަހަތަށް ނުޖެހޭނެ މީހެއް ކަން މާޒީން އެނގޭނެ ކަމުގައިވެސް މުހައްމަދު ރަޝީދު ވިދާޅުވެފައިވެ އެވެ. އެހެންކަމުން އުމުރުގެ ބާކީ ބައިވެސް ހޭދަކުރާނީ ސާބިތުކަމާއި އެކު ކަމަށްވެސް ވިދާޅުވި އެވެ. އަދި އޭނާ އަކީ އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބުނު މީހެއް ކަން ފާހަގަކުރައްވާފައިވެ އެވެ.
"[އަޅުގަނޑަކީ]މުޅި ހަޔާތް ގައުމަށްޓަކައި ޖާނާ މާލުން ގުރުބާންވި އިންސާނެއް،"
މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ އޭނާގެ އަބުރުކަތިލަން ބަޔަކު ހިތު ހުރިހާ ގޮތެއް ހަދަމުންދާއިރު ބީރު ކަންފަތެއް އަބަދު ނުހުންނެވޭނެ ކަމަށެވެ.
"ބައްޕަ ކިޔާ ދަރިފުޅާ އާއިލާއާ އަދި ހެޔޮ އެދޭ އެކުވެރިންނަށް ހިތްދަތިކަން ލިބެން ފެށީމަ، އަޅުގަނޑުގެ ދިފައުގައިތާ އަބަދުވެސް ހުންނާނީ" ބަސް މަދު މެންބަރެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވޭ މެންބަރު ވިދާޅުވި އެވެ.
މެންބަރު މުހައްމަދު ރަޝީދުގެ ވަޓްސްއަޕް މެސެޖާ ގުޅިގެން އަވަސް އިން ގުޅާލުމުން ވިދާޅުވީ މިވަގުތު މީޑިއާގައި އޭނާ އެއްވެސް ވާހަކައެއް ދައްކަންވަން ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ފާޑުވިދާޅުވާ ކަމާ ގުޅޭ ބޭފުޅުންނަށް އެކަމާ ގުޅޭ ގުރޫޕްތަކުގައި ޖަވާބުދާރީވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ބަޔަކު ކިތަންމެ ފާޑެއްކީ ނަމަވެސް އަޅުގަނޑު އަބަދުވެސް އިސްކުރާނީ ހަމަޖެހުމާއި މަސްލަހަތު. މިމައްސަލާގައި މީޑިއާގައި ވާހަކަދައްކަން ޖެހުނީމާ އަޅުގަނޑު އެ ވާހަކަ ދައްކާނަން،" ރައީސް ނަޝީދާ އެކު ހަޔާތުގެ ޒުވާން ދުވަސްވަރު ޖަލުގައި އެތައް ދުވަހެއް ހޭދަކުރެއްވި މެންބަރު ވިދާޅުވެފައިވެ އެވެ.