ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލީ މަސައްކަތުގެ 39 ޕަސެންޓް ނިންމާފައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ދެވަނަ ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފްސީލެއް މަޖިލީހުގެ އިދާރާއިން މިއަދު ދިނެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އަހަރުގެ ދެވަނަ ދައުރުގައި ވަނީ 39 ޕަސެންޓް މަސައްކަތް ނިންމި އިރު ނިމިދިޔަ ދައުރުގައި ހުށަހެޅި 25 ބިލްގެ ތެރެއިން ނުވަ ބިލެއްގެ މަސައްކަތް އެއްކޮށް ނިންމި ކަމަށެވެ.
ދެވަނަ ދައުރުގައި މަޖިލީހުން ފާސްކުރި މުހިންމު ބިލްތަކުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި، ރެވެނިއު ސްޓޭމްޕް އުވާލުމުގެ ބިލުގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.
އަހަރުގެ ފުރަތަމަ ދައުރުން ދެވަނަ ދައުރަށް ވާރުތަވި ނުވަ ގަރާރަކައި ދެވަނަ ދައުރުގައި ހުށަހެޅުނު ދެ ގަރާރެއްގެ ތެރެއިން ފާސް ކޮށްފައިވަނީ އެންމެ ގަރާރެކެވެ. އަދި ސަރުކާރުން ހުށަހެޅި 10 މަސައްލައިގެ ތެރެއިން އަށް މަސައްލައެއް މަޖިލީހުން ނިންމި އެވެ. މި ދައުރުގައި ކުރި އެންމެ މުހިންމު މަސައްކަތަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއެއް ހަދައި ރިޕޯޓެއް އެކުލަވައިލުމުގެ މަސައްކަތެވެ. އިންކުއަރީ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ހަތް ގަޑިއިރުގެ ބަހުސްއަކަށް ފަހު 58 މެމްބަރުންގެ ވޯޓުން ރެއެއްގެ މެންދަމު އެވެ.
ދެވަނަ ދައުރުގައި މަޖިލީހުގެ ރިޔާސަތުން ހުށައެޅި ފަސް މައްސަލަ ނިންމާފައިވާއިރު، ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ހަ ސުވާލެއް މެންބަރުން ވަޒީރުންނާއި ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަށް ބަދަލު ގެނައި ފަހުން، އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ ދެވަނަ ދައުރެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގަނީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލާއިއެކު މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް ފަށާނީ އޯގަސްޓް މަހުގެ ތެރޭގަ އެވެ.