ދައުލަތުގެ ބަޖެޓް

27.4 ބިލިޔަން ރުފިޔާ، ބަޖެޓަށް ބަހުސް ކުރުން 16 ގައި

Nov 12, 2015
1
  • ބަޖެޓްގެ ޑެފިސިޓަކީ 3.4 ބިލިއަން ރުފިޔާ
  • އާމްދަނީއަށް 22.8 ބިލިއަން ރުފިޔާ
  • ރިރަންޓް ހަރަދަކީ 16.2 ބިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާ ކުރާ 27.457 ބިލިއަން ރުފިޔާފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ މި ބަޖެޓްގެ ބަހުސް މި މަހުގެ 16 ވަނަ ދުވަހު ބާއްވާނެ ކަމަށާއި ބަޖެޓް ކޮމެޓީ މިއަދު އެއްކޮށް ކޮމެޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވާނެ ކަމަށް އިއުލާންކޮށްފައެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު މަޖިލީހަށް ވަޑައިގެން ބެޖެޓް ހުށަހެޅުއްވި އިރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ރިކަރަންޓް ހަރަދަކީ 16.2 ބިލިއަން ރުފިޔާ ކަމަށާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ހިދުމަތަށް 10 ޕަސެންޓް ހަރަދު ކުރާނެ ކަމަށެވެ.

"މި ބަޖެޓް އެކުލަވާލާފައި ވަނީ ކޮންމެ ރަށަކަށް ކޮންމެ ރައްޔިތަކަށް އުފާވެރި މުސްތަގުބަލަކަށް ގެނައުމުގެ ތަރަހައިގެ ތެރޭގައި. މިހާރު ހިނގަމުން އަންނަ މަޝްރޫއުތައް ނިންމުމަށާއި އިގުތިސޯދަށް ދިމާވެފައިވާ ހުރަސްތައް ގިރާ ކުރުމަށް. ބަޖެޓްގެ ސަބަބުން ސުލްހަ އާއި މަސްލަހަތު ގެނެސްދޭނެ ކަމަށް ގަބޫލުކުރަން،" ބަޖެޓް ހުށަހަޅަން ފައްޓަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 22.8 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 13.8 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން ގޮތް ގޮތަށް ލިބޭނެ ކަމަށް ލަފާކުރެވޭ 3.7 ބިލިއަން ރުފިޔާއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 1.5 ބިލިއަން ރުފިޔާއާއި އަދި އާމްދަނީ އިތުރުކުރުމަށް ބަޖެޓާއި އެކު ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ދަރަނި އުޅެނީ 3.4 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ހައެއް އިންސައްތަ އެވެ. ދަރަނި ފޫބެއްދުމަށް ސަރުކާރުން ވިސްނާފައިވަނީ ބޭރުގެ ފަރާތްތަކުން ހޯދާ 2.5 ބިލިއަން ރުފިޔާއާއި އެތެރޭގެ ފަރާތްތަކުން ހޯދާ 870 މިލިއަން ރުފިޔާ އިންނެވެ.

ބަޖެޓްގެ 41 ޕަސެންޓަކީ ކެޕިޓަލް ހަރަދުގައި ހިމަނާފައިވާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނީ 28.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރު ކަރަންޓް އެކައުންޓް ދަރަނީގެ މިންވަރު ކަމަށް ލަފާކުރެވޭނީ 400 މިލިއަން ޑޮލަރެވެ. މި އަހަރު ނިމޭއިރު ރަސްމީ ރިޒާވް ކަމަށް ލަފާކުރެވެނީ 590 މިލިއަން ޑޮލަރު ކަމަށްވާއިރު އަންނަ އަހަރު ލަފާކުރެވެނީ 644 މިލިއަން ޑޮލަރެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރަނީ އިޖުތިމާއީ ތަރައްގީއަށް ކަމަށާއި އޭގެ ފަހުން އިގުތިސޯދަށް ކަމަށެވެ.
އިސްލާމިކް ޔުނިވަސިޓީ ތަރައްގީ ކުރުމަށް އިސްކަން ދީފައިވާނެ ކަމށާއި މިސްކިތްތައް އިމާރާތް ކުރުމަށް 45 މަޝްރޫއެއް ހިމަނާފައިވާއިރު ބަޖެޓްގެ 16 ޕަސެންޓް ހަރަދުކުރަނީ ތައުލީމީ ދާއިރާއަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓްގައި އިޖުތިމާއީ ތަރައްގީގެ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން ބަޖެޓްގެ ނުވަ ޕަސެންޓް ހޭދަކުރަނީ ސިއްހީ ދާއިރާއަށެވެ. މިއީ މި އަހަރާ ބަލާއިރު 15 ޕަސެންޓް އިތުރު އަދަދެކެވެ. ނޭޝަނަލް ޑައިގްނޯސް ސެންޓަރެއް ހެދުމުގެ ބޮޑު މަޝްރޫއެއް އަންނަ އަހަރު ފަށާނެ ކަމަށާއި ނެޝަނަލް ކާޑިއެކް ސެންޓަރެއް އައިޖީއެމްއެޗްގައި އަންނަ އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓްގައި އުމްރާނީ ތަރައްގީ އާއި އިގުތިސޯދީ ތަރައްގީއަށް 4.6 ބިލިއަން ރުފިޔާ ހިމެނެ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް 147 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއަށް 174 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާ އަށް 3.6 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ތަރައްގީގެ ބޮޑެތި ސަރަހަރުތައް ތަރައްގީ ކުރުމަށް ބަޖެޓުން ބޮޑު ބައެއް ހޭދަކުރާނެ ކަމަށާއި ޒުވާނުން ހަރުދަނާ ބަޔަކަށް ހެދުމަށް 378 މިލިއަން ރުފިޔާ ޔޫތް މިނިސްޓްރީއަށް ހަމަޖައްސައިދީފައި ވާއިރު ޒުވާނުންގެ ސިޓީ ތަރައްގީ ކުރުމަށް 521 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީކުރަން ވެސް 298 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ޕީއެސްއައިޕީއަށް 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ ބަޖެޓުގެ 33 ޕަސެންޓެވެ. ޕީއެސްއައިޕީ މަޝްރޫއަުތައް އެކުލަވާލުމުގައި ބަލާފައި ވަނީ މިހާރު ހިނގާ މަޝްރޫއުތައް އަވަހަށް ނިންމުމާއި އަލަށް ފަށާ މަޝްރޫއުތަކުން އިގުތިސޯދަަށް ކުރިއެރުން ގެނެސްދިނުމާއި ރައްޔިތުންނަށް އުފާވެރިކަން ހޯދުމަށެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ބިން ހިއްކުމާއި މަގު ހެދުމަށް 1.2 ބިލިއަން ހޭދަކުރާނެ ކަމަށާއި އެގޮތުން ނުވަ ރަށެއްގެ ބިން ބޮޑު ކުރުން ކުރިއަށް ގެންދާނެ ކަމަށާއި 29 ރަށެއްގެ މަގު ހެދުން ކުރިއަށް ގެންދާއިރު ފެނާއި ނަރުދަމާގެ 96 މަޝްރޫއެއް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމާއި ބްރިޖްގެ މަޝްރޫއާއި ހައުސިން ޔުނިޓްތަކުގެ މަޝްރޫއާއި ޒަމާނީ ފެންވަރުގެ ތަހުލީލީ މަރުކަޒެއް އައިޖީއެމްއެޗްގެ ހުސް ބިމުގައި ހެދުމާއި ފުނަދޫ އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަޝްރޫއަކީ ބޮޑެތި މަޝްރޫއުތައް ހިމެނޭ ކަމަށް ވެސް ވިދޅުވި އެވެ. ގައުމީ ސަލާމަތަށް 598 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ރަށްރަށުގައި ކުޅިވަރު އެރީނާތައް ގާއިމް ކުރުމަށް 158 މަޝްރޫއެއް ކުރިއަށް ގެންދާނެ އެވެ.

މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ހަމަހަމަކަން ގާއިމްކޮށް، އެކަން އަވަސްކުރަން ޖެހޭ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަން ނުކުރެވިއްޖެ ނަމަ މުސާރައިގެ ހަރަދުތައް ނުހިފެހެއްޓި ދައުލަތަށް ބުރައަކަށް ވާނެ ކަމަށާއި ދައުލަތުގެ ވަޒީފާގައި ތިބި 40،000 މުވައްޒަފުންނަށް ވުރެ ގިނަ މީހުންނަށް ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އާމްދަނީއާ ގުޅޭ ސިޔާސަތަކީ ޓެކްސް ރޭޓުތަކަށް ބަދަލު ނުގެނައުން ކަމަށެވެ.
. (ތަފުސީލް އަންނަނ)