ހަބަރު

ބަޖެޓަކީ ފެންޓަސީއެކޭ ބުނުމުން ޖިހާދު ދެރަވެއްޖެ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ރެކޯޑު ބަޖެޓަކީ ފެންޓަސީއެއް ކަމަށް ބައެއް މެންބަރުން ވިދާޅުވުމުން ފިނޭންސް މިނިސްޓަރު ޖިހާދު ދެރަވެއްޖެ އެވެ.

އަންނަ އަހަރު ދައުލަތް ހިންގަން ހުށަހެޅި 27.457 ބިލިއަން ރުފިޔާގެ ބަޖެޓާ ބެހޭ ދިރާސާގައި މަޖިލީހުގައި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ޖިހާދު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރި ބަޖެޓަކީ ކަމުގެ ވައްޓަފާޅި ދަންނަ ތަޖުރިބާހުރި ގިނަ ބަޔަކު އެތައް ގޮތަކަށް ވިސްނައި ކަލްކިއުލޭޓް ކުރުމަށްފަހު އެކުލަވާފައިވާ އުންމީދީ ބަޖެޓެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުންނަށް އެ ބަޖެޓަކީ ވިސްނުމެއް ނެތް ހިޔާލެއްގެ ތެރެއިން ތައްޔާރުކޮށްފައިވާ ބަޖެޓެއްގެ ގޮތުގައި ސިފަކުރެވޭނަމަ އެއީ އެކަމުގައި ރެއާ ދުވާލު ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތަށް ބުނެވޭ އިހާނެތި ބަސްފުޅެއް ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އެއްވެސް ދައުލަތަކުން ހުށަހަޅާ ބަޖެޓަކީ ހިޔާލީ ފެންޓަސީއެއް ނޫން. ބަޖެޓަކީ ވަރަށް ގިނަ ބޭފުޅުންގެ ބުރަ މަސައްކަތެއް. އަޅުގަނޑު ވަރަށް ދެރަވެއްޖެ ހިޔާލީ ފެންޓަސީއެކޭ ވިދާޅުވީތީ. އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވާތި އަޅުގަނޑުމެން ބަޖެޓު މި ގެންނަނީ ހިޔާލީ ފެންޓަސީއެއްގެ މައްޗަށް ބޭސްކޮށްފައެއް ނޫން،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓް އެކުލަވާލާފައިވަނީ އެތައް ދުވަހެއްގެ މަތިން އެއްކޮށް ދިރާސާ ކުރި ގިނަ މައުލޫމާތުތަކެއްގެ މައްޗަށް ބަލައި އައުޓްކަމް ހިސާބުކޮށްފަ އެވެ. ބަޖެޓް ކިތަންމެ ބޮޑަސް އެކަން ބިނާ ވަނީ ދައުލަތުގެ އިގްތިސޯދަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތުން ހާސިލްކުރަން ޓާގެޓް ކުރާ އާމްދަނީ އަކީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ވެސް ގުޅިފައިވާ ކަމެއް ކަމުން، އުންމީދު ކުރާ ގޮތަށް ނުވެ ވެސް ބައެއް ފަހަރު ހިނގައިދާނެ އެވެ.
އެފަދަ ހާލަތްތަކުގައި ވެސް ސަރުކާރުން އަމަލުކުރާ އުސޫލެއް އޮންނަ ކަމަށާ، އެއީ ހަރަދު ކުޑަކުރުން ކަމަށް ވެސް ޖިހާދު ވަނީ ވިދާޅުވެފަ އެވެ.

"ސަރުކާރުން ލަފާކުރާ ވަރަށް އާމްދަނީ ނުލިބޭނަމަ ޖެހޭނީ ބައެއް ޕުރޮޖެކްޓުތައް ހުއްޓާލަން. އަދި ބައެއް ހަރަދުތައް ވެސް ކުޑަކުރަން. އެއީ ބަޖެޓުގެ މައްސަލައެއް ނޫން. އަދި ބަޖެޓު ހެދުމުގެ މައްސަލައެއް ވެސް ނޫން،" ޖިހާދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ބަޖެޓަކީ އެހެން އަހަރު ތަކާ އަޅާއި ބަލާއިރު އެތައް ގުނަ ބޮޑު ބަޖެޓެކެވެ. ބަޖެޓް ވެލިއު އިއުލާން ކޮށް މަޖިލީހަށް ފޮނުވުމާ އެކު ހާއްސަކޮށް އިދިކޮޅު މެންބަރުން ވަނީ ބަޖެޓަށް ގިނަ އަދަދެއްގެ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. ފާޑު ވިދާޅުވާ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރި ބަޖެޓަކީ ހިޔާލީ ނަންބަރުތަކެއް ޖަހައި އަވަސް އަރުވާލައިގެން އެކުލަވާފައިވާ "ހަގީގީ ކުލައެއް" ނެތް ބަޖެޓެއް ކަމަށެވެ.