ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިއްހަތު

ބްލެކް ފަންގަސް ކިހިނެއް ޖެހޭ އެއްޗެއް؟

ކޮވިޑް-19 ގައި ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ދިމާވާ މައްސަލައަކީ ބްލެކް ފަންގަސް ފަދަ ފަންގަލް އިންފެކްޝަނެއްގެ އުނދަގޫތައް ކުރިމަތިވުމެވެ.

އިންޑިޔާގައި ކޮވިޑް-19 އިން ރަނގަޅުވީ 12،000 މީހަކަށް މިހާތަނަށް ބްލެކް ފަންގަސްގެ މައްސަލަތައް ކުރިމަތިވެފައި ވެއެވެ. އަދި މީގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ވަނީ މި ބަލީގައި ގޮއްސަ އެވެ. ފުރާނަ ސަލާމަތްވީ ނަމަވެސް ބަލީގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފުތައް މުޅި އުމުރަށް ތަހައްމަލު ކުރަން ޖެހިފައިވާ މީހުން ގިނަ އެވެ.

ބްލެކް ފަންގަސް އާ ބެހޭ ގޮތުން މިހާތަނަށް ގިނަ މީހުންނަށް ރަނގަޅު މައުލޫމާތު އެނގިފައި ނެތުމަކީ މި ބަލީގައި ބޮޑުވަރުވާން މެދުވެރިވާ އެއް ސަބަބެވެ.

ފަންގަލް އިންފެކްޝަނަކީ ކޮބާ؟

ބްލެކް، ޔެލޯ، ވައިޓް ފަދަ ހުރިހާ ވައްތަރެއްގެ ފަންގަސް އަކި ވެސް ދިރިއުޅޭ މާހައުލުގައި ހުންނަ މޯލްޑްސް އެކެވެ. ސިއްހަތު ސަލާމަތުން ހުންނަ މީހަކަށް މީގެ އެއްވެސް ބާވަތެއްގެ މޯލްޑަކުން ގެއްލުމެއް ނުލިބޭނެ އެވެ. ނަމަވެސް ބައްޔެއްގެ ސަބަބުން ދިފާއީ ބާރު ބަލިކަށިވެފައިވާ މީހުންނަށް މިއީ ގެއްލުން ހުރި އެއްޗެކެވެ. ނޭވާގެ ޒަރިއްޔާއިން މިފަދަ މޯލްޑެއް ހަށިގަނޑުގެ ތެރެއިން ވަދެއްޖެނަމަ އިންފެކްޝަން އަށަގަންނަގޮތް ވެއެވެ.

ފަންގަލް އިންފެކްޝަނެއްގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަން ގަނޑު ފަސޭހައިން މަށައިގެން ދިއުން، ނޭވާ ކުރުވުން، ބޮލުގައި ރިހުން އަދި އާދަޔާހިލާފު ވަރުބަލިކަމެއް އިހްސާސްވުން ހިމެނެ އެވެ.

ބަލީގެ ކުރީކޮޅު މި ބަލި ދެނެގަނެވިއްޖެނަމަ ބޭހުން ފަރުވާ ކުރެވެ އެވެ. މާބޮޑުވަރު ވެފައިވާނަމަ ޖެހެނީ ބަލިޖެހިފައިވާ ބައި ސާޖަރީ ހަދައިގެން ހަށިގަނޑާ ވަކި ކުރާށެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ފަންގަލް އިންފެކްޝަނަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ފަންގަލް އިންފެކްޝަންތައް އެކަކުގެ ގައިން އަނެކަކުގެ ގަޔަކަށް ނާރާނެ އެވެ. މާނައަކީ ބަލި ޖެހިފައިވާ މީހެއްގެ ގައިން ސިއްހަތު ރަނގަޅު މީހެއްގެ ގަޔަކަށް މި ބައްޔެއް ނާރާނެ އެވެ.

ފަންގަލް އިންފެކްޝަންގެ މޯލްޑްސް އެންމެ ވައްތަރު ވާނީ މޭވާ އާއި ތަރުކާރީ ފަދަ ތަކެތި އަލަމާރިއަށް ނުލާ ގިނަ ދުވަހު ބޭރުގައި ބެހެއްޓުމުން އޭގައި ޖަހާ ކަޅުކުލައިގެ މަކުނުވާތަކެއް ކަހަލަ އެއްޗިއްސާ އެވެ. ރަނގަޅަށް ސާފު ނުކުރެވި ހުންނަ ވަރަށް ގިނަ ތަންތަނުން މިފަދަ މޯލްޑްސް ފެންނާނެ އެވެ. މި ތަކެތީގެ އެތިއެތިކޮޅު އެ އެއްޗެތި ހުންނަ ތަނެއްގައި ނުވަތަ މާހައުލެއްގައި ހުންނާނެ އެވެ. އަދި ނޭވާގެ ޒަރިއްޔާއިން މި ތަކެތި ދިފާއީ ނިޒާމުގެ ބަލިކަށި މީހުންގެ ހަށިގަނޑަށް ވަނުމުން އިންފެކްޝަނަކަށް ބަދަލުވަނީ އެވެ. ދިފާއީ ނިޒާމު ވަރުގަދަނަމަ މި ތަކެއްޗަށް ހަށިގަނޑަކަށް ގެއްލުމެއް ނުދެވޭނެ އެވެ.

ހަކުރުބަލި ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސްވެފައިވާ މީހުންނާއި މާގިނައިން ސްޓެރޮއިޑް ބޭނުން ކޮށްފައި ތިބޭ މީހުންގެ ދިފާއީ ނިޒާމު ވަރަށް ބަލިކަށިވާނެ އެވެ. ކޮވިޑް-19 ޖެހި ހާލުބޮޑުވާ މީހުންގެ ތެރޭގައި ހަކުރުބަލި ހުންނަ މީހުން ގިނަ އެވެ. އަދި މި ބަލީގައި ބޮޑުވަރުވާ މީހުންގެ ބަލި ކޮންޓްރޯލްކުރަން ސްޓެރޮއިޑް ދެއެވެ. ކޮވިޑް-19 ޖެހޭ މީހުންގެ މެދުގައި މި ބަލި އެހާ އާއްމުވެގެން އުޅެނީ އެހެންވެ އެވެ.

ޒިންކް ބޭނުންކުރާ މިންވަރު އިތުރުވުމާއި ކޮވިޑް-19 ގައި ހާލު ބޮޑުވަމުން އެކި ވައްތަރުގެ އެންޓިބައޮޓިކްސްގެ ކޮމްބިނޭޝަން ދޭ މީހުންނަށް ވެސް ފަންގަލް އިންފެކްޝަންގެ މައްސަލަތައް ކުރިމަތިވެ އެވެ.

ފަންގަލް އިންފެކްޝަންތައް ޖެހެނީ ހަމައެކަނި ކޮވިޑް ބަލި ޖެހޭ މީހުންނަށް ހެއްޔެވެ؟ ނޫނެކެވެ. ދިފާއީ ނިޒާމު ބަލިކަށި ކޮންމެ މީހަކަށް ވެސް މި ބަލި ޖެހިދާނެ އެވެ. ސަބަބަކީ އެމީހާ ދިރިއުޅޭ މާހައުލުގައި ފަންގަލް އިންފެކްޝަންގެ މޯލްޑް ހުންނާނެތީ އެވެ. އަހަރެމެންގެ ވަށައިގެންވާ ވަރަށް ގިނަ އެއްޗެތީގައި މި މޯލްޑް ހުންނާނެ އެވެ. ބިމުގައި ހުންނަ ވެއްޔާއި ބިންމަތީގައި ހުންނަ ފަތް ކަހަލަ އެއްޗެތި ހަލާކުވަމުން ދާއިރު ވެސް މި މޯލްޑް ޖަހާނެ އެވެ. އަދި ލަކުޑި ފަދަ ތަކެތި ހަލާކުވާއިރު ވެސް މި މޯލްޑް ޖަހާފައި ހުންނާނެ އެވެ. މި ތަކެތި އަބަދާ އަބަދު ހުންނާނީ ނޭވާ ލުމުގެ ނިޒާމުގެ ތެރެއިން އިންސާނުންގެ ހަށިގަނޑަށް ވާސިލު ވޭވެ އެވެ. މައްސަލަ ދިމާވަނީ ދިފާއީ ނިޒާމު ބަލިކަށިވީމަ އެވެ.

ކޮވިޑް ނުޖެހުނަސް ހަކުރުބަލި ހުންނަ މީހުންނާއި އެޗްއައިވީ ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ފަންގަލް އިންފެކްޝަން ވަރަށް ފަސޭހައިން ޖެހެ އެވެ.

ބްލެކް ފަންގަލް އިންފެކްޝަން އަށް ވުރެ ވައިޓް ފަންގަލް އިންފެކްޝަން މާ ނުރައްކާ ކަމަށް ބައެއް މީހުންނަށް ހީވެފައި ވެއެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. މި ދެ ބާވަތުގެ ފަންގަލް އިންފެކްޝަންގެ ވެސް ނުރައްކާ ހަމަ އެއްވަރެކެވެ. ވައިޓް ފަންގަލް އިންފެކްޝަން އަކީ ހަމައެކަނި ކެންޑިއޭސިސް އެވެ. ނަމަވެސް ބްލެކް ފަންގަލް އިންފެކްޝަން ނުވަތަ މިއުކޯމައިކޯސިސްގެ ގެއްލުން އިންސާނާއަށް މާ ބޮޑަށް ކުރެ އެވެ. ސައިނަސް، ލޯ، ސިކުނޑި ފަދަ ތަންތަނަށް މި އިންފެކްޝަން ޖެހުމުން އެތަންތަން ސާޖަރީ ހަދައިގެން ނަގަން ވެސް ބައެއް ފަހަރު ޖެހެ އެވެ.