ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޕީޗާއި އިލެކްޓްރޮލައިޓް ފެން: ޗައިނާ މީހުންގެ ކޮވިޑް ރިމެޑީ

ކޮވިޑް ފެތުރެމުންދާތީ ޗައިނާގެ ބައެއް ސިޓީތައް ލޮކްޑައުން ކުރުމުން އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ ވަރުގަދަ އަށް މުޒާހަރާ ފެށި އެވެ. މުޒާހާރާތައް މައިތިރިކުރާނެ ގޮތެއް ނޭނގި އެންމެ ފަހުން ސަރުކާރުން ވަނީ ކޮވިޑް ފެތުރޭތީ އެޅި ހުރިހާ ފިޔަވަޅުތަކެއް އުވާލާފަ އެވެ. އަދި ބަލިޖެހިފައިވާ މީހުންގެ ތެރެއިން ވެސް މާބޮޑަށް ބަލީގެ އަލާމާތެއް ނުފެންނަ މީހުން ވަޒީފާތަކަށް ދާން ޗައިނާ ސަރުކާރުން ދަނީ ހުއްދަ ދެމުންނެވެ.

ކޮވިޑްގެ ސަބަބުން ލޮކްޑައުންގައި ތިބެން ޖެހޭތީ ހާސްވެ ކަންބޮޑުވި މީހުންނަށް މިހާރު އޮތީ އެހެން ކަންބޮޑުވުމެކެވެ. ކޮވިޑް ފެތުރޭލެއް ބާރުވުމެވެ. އަދި ގިނަ ބަޔަކު މިހާރު ކޮވިޑަށް އަމިއްލަ ފަރުވާތައް ހޯދައިގެން ބޭނުންކުރަން ފަށައިފި އެވެ. ޑޮކްޓަރީ ބޭސް ހުސްވެދާނެކަމުގެ ބިރަށެވެ.
އެގޮތުން ޗައިނާގައި މިހާރު އެންމެ ވިކޭ އެއްޗަކަށް އެންޓިވައިރަލް ޑްރަގުވެ އެވެ. އަދި ދަޅު ނުވަތަ ފުޅީގައި ބަންދުކޮށްފައި ހުންނަ ޕީޗް އާއި އިލެކްޓްރޮލައިޓް ފެނެވެ.

ޗައިނާ މީހުން މިތަކެތި ގަންނަލެއް އިތުރުވެގެން ގޮސް އެ ގައުމުން މި ބާވަތްތައް މިހާރު ވަނީ މުޅިން ހުސްވެފަ އެވެ.

ދަޅު ނުވަތަ ފުޅީގައި ބަންދުކޮށްފައިވާ ޕީޗް އެހާ ގިނައިން ވިކެން ފެށީ ޗައިނާގެ ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުގައި ބައެއް މީހުން ކޮވިޑްގެ ހޯމް ރިމެޑީޒްގެ ގޮތުގައި ދަޅުގައި ބަންދުކޮށްފައި ހުރި ޕީޗް ކެއުމަށާއި އިލެކްޓްރޮލައިޓް ފެން ބުއިމަށް ދެމުންދާ އިރުޝާދުތަކުންނެވެ.

މިފަދަ އެއް ރިމެޑީއެއްގައި ކަރުތެރޭގައި ރިއްސައި ކަރު ތެރެ ފާރުވުމަށް ލޮނުކޮޅެއް ލައިގެން އޮރެންޖް ފެނު ކައްކައިގެން ބޭނުންކުރަން އިރުޝާދު ދީފައި ވެއެވެ.

ފުޅި ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ ރީނދޫކުލައިގެ ޕީޗް އަކީ ޗައިނާގެ ޓްރެޑިޝަނަލް ކެއުމުގެ ތެރޭގައި ހިމެނޭ އެއްޗެއް ވެސް މެއެވެ. އަދި ޗައިނާގެ އެކި ސަރަހައްދުތަކުގައި ސިއްހަތަށް ފައިދާ ހުރި އެއްޗެއްގެ ގޮތުގައި މަޝްހޫރު އަދި ޒަމާނުއްސުރެ ގިނަ ބަޔަކު ކާ އެއްޗެކެވެ.

އެހެންވެ ޕީޗް ކެއުމުން ކޮވިޑް ވައިރަސް ވެސް ނައްތާލެވޭނެ ކަމުގެ ޔަގީންކަމުގައި ޗައިނާ މީހުން މާ ގިނައިން ދަޅު / ފުޅީގައި ބަންދުކޮށްފައި ހުރި ޕީޗް އާއި އިލެކްޓްރޮލައިޓް ފެން ގަނެ ގޭގޭގައި ސްޓޮކް ކުރީ އެވެ. މި ވައްތަރުގެ ޕީޗް ދަޅު ބާޒާރުން މުޅިން ހުސްވީ އެހެންވެ އެވެ.

މި ދެ ބާވަތުން ކޮވިޑް ރަނގަޅުވާ ކަމުގެ ސައިންޓިފިކް ހެއްކެއް ނެތެވެ. ނަމަވެސް ޗައިނާ މީހުން ގަބޫލުކުރަނީ މި އެއްޗެތި ބޭނުންކުރީމަ ކޮވިޑް ރަނގަޅުވާނެ ކަމަށެވެ.

ސީއެންއެން އިން ދެއްކި ރިޕޯޓެއް ބުނާ ގޮތުން ޗައިނާގައި ޕީޗް ދަޅު / ފުޅި ބަންދުކުރުމުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަނީ ޑާލިއަން ލީސުން ފުޑް އިންނެވެ. އެ ކުންފުނިން އުފެއްދި ޕީޗް ދަޅު / ފުޅިތައް ކުއްލިއަކަށް ހުސްވުމުން އެ ފަރާތުން ވެސް ހައިރާންކަން ފާޅުކޮށްފައި ވެއެވެ. އަދި ޕީޗަކީ އެ ބުނާވަރުގެ ފައިދާހުރި އެއްޗެއް ނޫންކަމަށް އެ ކުންފުނިން ވެސް ބުނެ އެވެ. ނަމަވެސް ޗައިނާ މީހުންނަށް ޕީޗުން ފައިދާ ލިބޭކަން ޔަގީންކުރެވި އެ އެއްޗެތި ގަންނާތީ ބާޒާރުން އެ އެއްޗެތި ހުސްނުވެ ސްޓޮކް ކުރެވޭތޯ ބަލާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި އިލެކްޓްރޮލައިޓް ވޯޓާ ވެސް ބާޒާރުން ހުސްވެ އެ އުފައްދާ މީހުންނަށް ވެސް މިހާރު ޖެހިފައިވަނީ ވީހާވެސް އަވަހަށް އާ ސްޓޯކް ނެރުމަށެވެ. އިލެކްޓްރޮލައިޓް ފެން އެކުލެވޭ ބުއިންތަކުގެ ތެރޭގައި އެލިއެނާޖީ އިލެކްޓްރޮލައިޓް ޑްރިންކްސް ފަދަ ބުއިންތައް ހިމެނެ އެވެ.

ޗައިނާ ސަރުކާރު މީޑީއާ އިން އާއްމުންނަށް މިހާރު އިލްތިމާސް ކުރަމުންދަނީ ވައިރަލް ވީޑީއޯތަކުގައި ބުނާ އެއްޗެތި ކައި އެގޮތަށް ކަންކަން ނުކޮށް ކޮވިޑަށް އެކަށީގެންވާ ޑޮކްޓަރީ ފަރުވާ ކުރުމަށް ސަމާލުވުމަށެވެ.