ތުރުކީން 2017 ގައި ރަޝިއާގެ އެސް400 މިސައިލް ޑިފެންސް ސިސްޓަމް ގަންނަން ހެދި އެއްބަސްވުމާ އެމެރިކާ ވަރަށް ބޮޑަށް ދެކޮޅެވެ. އެމެރިކާއިން ބުނަނީ އަންކާރާއިން މި އެއްބަސްވުން ދޫކޮށް ނުލައިފި ނަމަ ޒަމާނީ އެފް35 މަރުކާގެ ޖެޓްތައް ތުރުކީއަށް ނުވިއްކާނެ ކަމަށެވެ.
ގުރީކަށް މިހާރު ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫ ނޫސްވެރިންނަށް ވިދާޅުވީ ރަޝިއާއާއެކު ތުރުކީން މުއާމަލާތް ނުކުރަން ބައެއް ގައުމުތަކުން ބާރު އަޅާ ކަމަށާއި އެސް400 ނުގަންނަން ވެސް އިންޒާރުތައް ދޭ ކަމަށެވެ.
"ތުރުކީން އެސް400 މިސައިލް ޑިފެންސް ސިސްޓަމް ބަހައްޓާތީ އެއްވެސް ބަޔަކު ބިރުން އުޅޭނެ ކަމެއް ނެތް،" ޗަވްސޯލޫ ވިދާޅުވި އެވެ. "ތުރުކީއަށް ރަޝިއާ އަސްކަރިއްޔާ ޖަމާ ނުވާނެ އަދި އެސް400 އޮޕަރޭޓް ކުރާކަށް ވެސް ރަޝިއާ އިންޖިނޭރަކު ނުހުންނާނެ" އޭނާ ވިދާޅުވީ އެސް400 އޮޕަރޭޓްކޮށް ބެލެހެއްޓުމާ ބެހޭ ހުރިހާ ތަމްރީނެއް ތުރުކީން އިންޖީނޭރުން ހަދައިފި ކަމަށާއި މިސައިލް ނިޒާމް ބަލަހައްޓާނީ ތުރުކީން އަމިއްލައަށް ކަމަށެވެ.
ތުރުކީން އެސް400 ގަތުމަށް ރަޝިއާއަށް އޯޑަރު ދިނީ 2017 ވަނަ އަހަރު އެވެ. އޭގެ ފުރަތަމަ ޝިޕްމަންޓް ތުރުކީއަށް ލިބިފައި ވަނީ މިދިއަ އަހަރު 2019 ގައި އެވެ. މިކަމާ ގުޅިގެން ވޮޝިންޓަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެމެރިކާގައި އުފައްދާ އެފް35 މަރުކާގެ ޖެޓްތައް ބޭނުންކުރާ ގައުމުތަކުގެ ލިސްޓުން ތުރުކީ އުނި ކުރަން ވެސް ވަނީ ނިންމާފަ އެވެ.
ތުރުކީގެ ރައިސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވީ އެސް400 ދޫކޮށްލެވެން ނެތް ކަމަށާއި އެމެރިކާއިން އަމަލު ކުރަންވާ ގޮތެއް އެނގޭނީ އެމެރިކާއަށް ކަމަށެވެ. އަދި ވިދާޅުވީ ތުރުކީއަށް ބޭނުންވާ ދިފާއީ ސާމާނު ހޯދަން އެމެރިކާގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ.