ދުނިޔެ

ބައިޑަންއަށް އޮންނާނީ ހުރިހާ އެއްޗެއް ދަންނަވާފައި: އުރުދުޣާން

ރަޝިއާގައި އުފައްދާ މިސައިލް ޑިފެންސް ސިސްޓަމް، އެސް400 ގެ އިތުރު އޯޑަރަކަށް އަންކާރާ ތައްޔާރު ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ރަޝިއާއިން އަސްކަރީ އެހީތެރިކަން ހޯދާނެ ކަމަށް ބައިޑަންއަށް ދަންނަވާފައި ވާނެ ކަމަށެވެ.

އެމެރިކާގެ ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިއަހަރު ޖޫންގައި ބުރަސެލްސްގައި އޮތް ނޭޓޯ ސަމިޓަށް އިޝާރާތްކުރައްވައި އުރުދުޣާން ވިދާޅުވީ އަންކާރާއިން ވިސްނާ ގޮތް އޮންނާނީ ބައިޑަންއަށް ސާރުކޮށްދެއްވާފައި ކަމަށެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި އެސް400 ނިޒާމުގެ އިތުރު ސެޓްތައް އަންކާރާއިން ގަންނާނެކަން ބައިޑަންއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

ސީބީއެސް ނިއުސްއަށް އުރުދުޣާން ވިދާޅުވީ އަސްކަރީ އެހީއަށް އެދި ރަޝިއާ ކޮޅަށް އަންކާރާއިން ބުރަވާން ޖެހުނީ އެމެރިކާގައި އުފައްދާ ޕެޓްރިއޮޓް ސިސްޓަމް ތުރުކީއަށް ސަޕްލައިކޮށްދޭން އެމެރިކާ ޖެހިލުންވުމުން ކަމަށެވެ.

ތުރުކީގެ ޑިފެންސް މިނިސްޓަރު، ހުލުސީ އަކާރު އޮކްޓޯބަރު 2020 ގައި ވިދާޅުވި ގޮތުގައި އަންކާރާއިން އެސް400 ގަތް ނަމަވެސް އެމެރިކާ އަތުން ޕެޓްރިއޮޓް ވެސް ގަންނާނެ އެވެ. އެހެން ނަމަވެސް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެފައި އޮތީ އެސް400 ގަތުމަށް އަންކާރާއިން ރަޝިއާއަށް އޯޑަރުދީފި ނަމަ އެމެރިކާއިން ޕެޓްރިއޮޓް ބެޓެރީ ތުރުކީއަށް ނުވިއްކާނެ ކަމަށެވެ.

އުރުދުޣާން ސީބީއެސް ނިއުސްއަށް ވިދާޅުވި ގޮތުގައި އަސްކަރީ ގޮތުން ތުރުކީ ބާރުވެރިކަން ހޯދާނެ އެވެ. ތުރުކީން ލިބިގަންނަ ބާރުވެރިކަމާއި އަސްކަރީ ގުޅުން ބަދަހިކުރާ ބަޔަކު ކަނޑައަޅާނީ ތުރުކީންނެވެ. ތުރުކީން ކުރާ ކަންކަމަށް ފާޑުކިޔައި ޝަރުތު ކަނޑައެޅުމަކީ އެހެން ބަޔަކަށް އޮތް ފުރުސަތެއް ނޫނެވެ.

ރަޝިއާ އަތުން އަސްކަރީ ބާރުވެރިކަން ތުރުކީ ހޯދުމަކީ އެމެރިކާއަށް ވަރަށް ކަމުނުދާ ކަމެކެވެ. އެމެރިކާގެ ވިސްނުން ހުރީ އެމެރިކާ ބުނާހާ ގޮތެއް ހަދައިގެން އަންކާރާ އޮތުމެވެ. އެ ނޫން ގޮތެއްގައި އެމެރިކާއިން އުފައްދާ އެފް35 ފައިޓަރު ޖެޓްތަކާއި މިސައިލް ޑިފެންސް ސިސްޓަމް ތުރުކީއަކަށް ނުލިބޭނެ އެވެ.

ތުރުކީން ދެކޭ ގޮތުގައި އެމެރިކާއިން ޖަހާހާ ބެރަކަށް ނެށުމަކީ މޮޔަކަމެކެވެ. އެމެރިކާއަކީ އެހެން އެއްވެސް ބަޔަކަށް ހެޔޮއެދޭ ގައުމެއް ނޫނެވެ. އެމީހުންގެ މަކަރުވެރި ރޭވުމުގެ ސަބަބުން ލަނޑު ނުލިބޭ ގައުމެއް ދުނިޔޭގައި މަދެވެ.