އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވަން ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ އިނގިރޭސިވިލާތުގެ ގްލާސްގޯގައި ބައްދަލު ކުރައްވާނެ އެވެ.
އޭނާ ވިދާޅުވީ ދެރައީސުން ބައްދައްދަލު ކުރެއްވުން ވަރަށް އެކަށީގެންވާ ކަމަށެވެ. އެހެން ކަށަވަރު ތާރީހެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ބައިޑަން ގްލާސްގޯގައި ތުރުކީގެ ރައީސްއާ ބައްދަލު ކުރައްވާނެ" އޭނާ ވިދާޅުވީ ވެރިންގެ ތާވަލުގައި ކަށަވަރުކަމެއް ނޯންނަ ކަމަށާއި އެކަމަކު ވެސް އުންމީދުކުރުން ރަނގަޅު ކަމަށެވެ.
އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސުލިވަން ވިދާޅުވީ އުރުދުޣާންއާ ބައްދަލު ކުރައްވަން ބައިޑަން އެދިވަޑައިގަންނަވާ ކަމަށާއި ދެރައީސުންގެ މަޝްވަރާއަށް މުހިންމު މައުލޫތަކެއް ހުރި ކަމަށެވެ.
އ.ދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ނުވަތަ ކޮޕް26 ގެ ނަމުން މަޝްހޫރުވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ 26 ވަނަ ކޮންފަރެންސް ފެށުމުގެ ގޮތުން ބާއްވާ ދުނިޔޭގެ ލީޑަރުންގެ ސަމިޓްގައި ބައިޑަންއާ އުރުދުޣާން ބައިވެރިވެވަޑައި ގަންނަވާނެ އެވެ. ކޮޕް26 އޮންނާނީ އިނގިރޭސިވިލާތުގެ ގްލާސްގޯގައި އަންނަ ހޯމަދުވަހު އެވެ.
އުރުދުޣާން އެންމެ ފަހުން ބައިޑަންއާ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ ޖޫން މަހު ބްރަސަލްސްގައި އޮތް ނޭޓޯގެ ސަމިޓެއްގަ އެެވެ. ދެބޭފުޅުން ހޫނު މައުލޫތަކަށް ވާހަކަދެއްކެވި އެވެ.
ކޮޕް26 ގެ އަރިމަތިން ދެރައީސުން ބައްދަލުކުރައްވާއިރު ދުނިޔެއަށް ބާރުފޯރުވޭ ވަރުގެ މުއާމަލާތްތަކުގައި ތުރުކީން ގެންދަނީ ގޮތްފޮތް ކިޔަމުންނެވެ. އަސްކަރީ އަދި އާންމު އިގުތިސޯދުގައި ތުރުކީގެ ދުވެލި ހުރީ އެމެރިކާއަށް ވިސްނަން ޖެހޭ ވަރުގަ އެވެ.
އަނެއްކޮޅުން ތުރުކީ އަސްކަރިއްޔާއަށް ރަޝިއާއިން ހަތިޔާޜު ގަތުން އެމެރިކާއަށް އޮތީ ބޮލުގައި ރިހޭ ވަރުގެ ކަމަކަށް ވެފަ އެވެ. އުރުދުޣާން ވިދާޅުވި ގޮތުގައި އެމެރިކާއިން ތުރުކީ އަށް ހަތިޔާރާއި ޖެޓް ފައިޓަރު ނުވިއްކައިފި ނަމަ ރަޝިއާއިން ނުވަތަ އެހެން ގައުމަކުން ގަންނާނެ އެވެ. އަދި އެކަމަށް އެހެން ގައުމަކުން ހުއްދަ ހޯދަކަށް ނުޖެހޭނެ އެވެ.