ދުނިޔެ

ބައިޑަން - އުރުދުޣާންގެ ނޭޓޯ ސަމިޓްގައި ބައްދަލު ކުރައްވާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން ތުރުކީގެ ރައިސް ރަޖަބު ތައްޔިބު އުރުދުޣާންއަށް ފޯނުކުރައްވައި ސަރަހައްދީ ސުރުޚީތަކަށް މަޝްވަރާކުރައްވައިފި އެވެ. މިއީ ބައިޑަން ރައީސްކަމަށް ވަޑައިގެންނެވި ފަހުން އުރުދުޣާންއަށް ސީދާ ގުޅުއްވި ފުރަތަމަ ފަހަރެވެ.

ވައިޓް ހައުސްއިން ބުނީ އަންނަ ޖޫން މަހު 14 ގައި ބެލްޖިއަމްގެ ވެރިރަށް ބުރުސަލްސް އޮންނަ ނޭޓޯ ސަމިޓްގައި ބައްދަލުކުރައްވަން ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.

ބައިޑަން ސަރުކާރާ ހަވާލުވެ ވަޑައިގެން ތިންމަސް ފާއިތުވި އިރުވެސް އުރުދުޣާންއަށް ގުޅުއްވާފައެއް ނުވެ އެވެ. އެހެން ނަނަވެސް އެމެރިކާއާ ތުރުކީ އަކީ ވެސް ނޭޓޯ ދެގައުމެވެ. މީޑިއާގައި ހުރި ވާހަތަކުން އެނގެނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އުރުދުޣާންއާ އޮތް ގާތަކަމެއްގެ ސަބަބުން ބައިޑަން ހިއްޕުޅާވެ ވަޑައިނުގަތީ ކަމެވެ. އަނެއްކޮޅުން ތުރުކީއާ ރަޝިއާއަކީ ދިފާއީ ބައިވެރިންނަށް ވުމަކީ ވެސް އެމެރިކާ އެދޭ ގޮތެއް ނޫނެވެ.

ވައިޓް ހައުސްއިން ބުނި ގޮތުން ދެގައުމުގެ މަސްލަހަތާ ގުޅުން ހުރި ވާހަކަތަކަށް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.