ދުނިޔެ

އެމެރިކާ ސަފީރަށް އުރުދުޣާންގެ އޮފީސްތައް ބަންދު

އެމެރިކާއިން އަންކާރާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖެފްރީ ފްލޭކްއަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އޮފީސްތައް ބަންދު ކަމަށް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން މިހެން ވިދާޅުވީ މި އަހަރު މެއި 14 ގައި ތުރުކީގައި އޮންނަ އާންމު އިންތިޚާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި އިދިކޮޅު ލީޑަރު ކެމާއި ކްލިޗްދަރޯލޫއާ ސަފީރު ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އުރުދުޣާން ވިދާޅުވީ ޖޯ ބައިޑަން [އެމެރިކާގެ ރައީސް]ގެ އެމްބެސެޑަރު ތުރުކީގެ އިދިކޮޅު ލީޑަރު ކެމާލްއާ ބައްދަލުކުރެއްވުމަކީ އަބުރު ގެއްލޭ ފަދަ ކަމެއް ކަމަށެވެ.

އެމެރިކާގެ މި އަމަލުން ސާބިތުކޮށްދެނީ ނުފުދޭކަން ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން އިދިކޮޅު ލީޑަރުންނާ ކުރައްވާނެ މަޝްވަރާއެއް އޮވެގެން ނުވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. އުރުދުޣާން އަދި ވިދާޅުވީ މިކަމުން ދޭހަކޮށްދެނީ އެމެރިކާގެ އަޑިނުބައިކަން ކަމަށެވެ.

"އޭނާ މަޝްވަރާ ކުރައްވަން ހުރި މީހަކީ އަޅުގަނޑު -- ތުރުކީގެ ރައީސް،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި މަޝްވަރާތައް ހިނގާނަމަ ބައިވެރިންނަކީ ދެ ގައުމުގެ ސަރުކާރު ކަމަށެވެ.

"އިދިކޮޅު ލީޑަރުންނަކީ މަޝްވަރާގެ ބައިވެރިންނަށް ހަދާނަމަ -- މަނިކުފާނަށް އަޅުގަނޑު އޮފީސްތައް ބަންދު" އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގައި އާންމު އިންތިހާބަށް ތާރީޚެއް ކަނޑައަޅައި ތާވަލުކޮށްފައި އޮތްއިރު، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން އުރުދުޣާންގެ މަގުބޫލުކަން އޮތީ ދަށްވެފަ އެވެ. އިދިކޮޅަށް ތާއީދު މިވަގުތު ބޮޑު ނަމަވެސް، ކުރިއަށް މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އުރުދުޣާންގެ ހީވާގި ކަމަށް އިތުރު ފުރުސަތެއް ލިބިވަޑައިގަތުންވެސް އެކަށީގެންވެ އެވެ.