ޖޯ ބައިޑަން

ރަޝިއާއިން ކްރައިމިއާއަށް ގަދަވެގަތުން އެމެރިކާ ގަބޫލެއް ނުކުރާނެ: ބައިޑަން

ރަޝިއާއިން ކްރައިމިއާއަށް ބާރު ހިންގުން ދުވަހަކު ވެސް އެމެރިކާއިން ގަބޫލް ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ރަޝިއާއިން ޔުކްރޭން އަތުން ކްރައިމިއާ ޖަހައިގަތީ ފެބްރުއަރީ 2014 އިގަ އެވެ. އެ ހާދިސާ ހިނގައިދިޔަތާ ހަތް އަހަރު ފަހުން އެ ހަނދާން އާ ކުރައްވައި ބައިޑަން ވިދާޅުވީ ދަންނަވަން އޮތީ އެއްމެ ވާހަކައެއް ކަމަށެވެ. އެއީ "ކްރައިމިއާ އަކީ ޔުކްރޭން" ކަމަށެވެ.

ރަޝިއާ ސިފައިން ކްރައިމިއާއަށް ވަދެގަނެ ބާރު ބޭނުކޮށް ވަނީ އެ ސަރަހައްދު އަތުލާފަ އެވެ. އަދި ދެބަޔަށް ބަހައި ރަޝިއާ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް އެތަނުން އެއްބައި ވަނީ ހިފަހައްޓާފަ އެވެ. ރަޝިއާގެ މި އަމަލު މުޅި ދުނިޔެ ކުށްވެރިކުރި ނަމަވެސް ބުނެފައި ވަނީ އެކަމާ ފަރުވާލެއް ނެތް ކަމަށެވެ. ޔުކްރޭނުން ކުރި އާދޭހަށް ވެސް ރަޝިއާ ޖަވާބެއް ނުދިނެވެ.

"ރަޝިއާއިން ކިތަންމެ ދުވަހެއް ވަންދެން ކްރައިމިއާ ހިފަހައްޓައި، ބާރު ހިންގި ނަމަވެސް، އެއީ ރަޝިއާގެ ތަނެއް ކަމަށް އެމެރިކާ ގަބޫލެއް ނުކުރާނެ،" ބައިޑަން ވިދާޅުވި އެވެ. "އަޅުގަނޑުމެން ތިބޭނީ ޔުކްރޭންއާ އެކު، ރަޝިއާގެ އެ އަމަލު ކުށްވެރި ކުރުމުގައި" ބަޔާނެއް މެދުވެރިކޮށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ރަޝިއާ ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާނެ ކަމަށާއި ކްރައިމިއާ ހިމާޔަތް ކުރަން ޔުކްރޭނުން ކުރި މަސައްކަތްތަކަށް ތައުރީފްވެސް ކުރައްވާ ކަމަށެވެ.

ރަޝިއާއިން ކްރައިމިއާ އަތުލައި ހިފަހައްޓައިގެން އުޅުން އދ. އާއި އެމެރިކާ އަދި ތުރުކީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އެއީ ބައިނަލްއަގްވީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ގައުމުތަކާއި އދ. ވެސް ގަބޫލު ކުރެ އެވެ.