އދ. އާއި ތުރުކީ އަދި ޔުކްރޭން ހިމެނޭ ގޮތުން ގޮވާން ޑީލް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މިނިންމުމާ ބެހޭ ގޮތުން ރަޝިއާއަށް އެނގެން ޖެހޭ ހުރިހާ ކަމެއް ރަޝިއާއަށް ވަނީ އަންގާފަ އެވެ.
މި ނިންމުމުގައި ވެސް އެންމެ ބޮޑު އަދި މުހިއްމު ދައުރެއް އަދާކުރަނީ ތުރުކީންނެވެ. ޔުކްރޭންގެ ބަނދަރުތަކުން ފުރައިގެން ގޮވާން ބޯޓުތައް ދަތުރުކޮށް ފުރަތަމަ ދާނީ ތުރުކީއަށެވެ.
ތުރުކީގައި -- ޖޮއިންޓް ކޯޑިނޭޝަން ސެންޓަރުގައި ކާގޯއާ ބެހޭ ހުރިހާ ތަފްސީލެއް ރައްކާކުރުމަށް ފަހު އަދި އޮފިސަރުން ކޮންޓެއިނަރުތައް ބަލައި ފާސްކުރުމަށްފަހު އެ އުޅނަދެއްގެ އާޚިރު މަންޒިލަށް ފުރާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ގޮވާން ބަރާކޮށް ދަތުރުކުރާ 40 ބޯޓެއް ބަލައި ފާސްކުރާ ގޮތަށް ވަނީ އެއްބަސްވެފަ އެވެ. އަދި ކަޅުކަނޑު ހުރަސްކޮށް ދަތުރުކުރާއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ތުރުކީ ބަލަހައްޓާނެ އެވެ.
މިކަމާ ބެހޭ ގޮތުން ރަޝިއާގެ އޮފިޝަލުން ބުނީ ރަޝިއާ ބައިވެރިނުވުމަކުން ގޮވާން ޑީލަށް ހުރަހެއް ނެތް ނަމަވެސް އެއްބަސްވުމާ ޚިލާފަށް ޑީލް ކުރިއަށް ދިއުމަކީ މައްސަލައެއް ކަމަށެވެ.
ރަޝިއާ ޒިންމާއެއް ނަގަން ނުޖެހުމަކުން ގޮވާން ޑީލާ މެެދު ވިސްނަން ޖެހޭ ވިސްނުމަށް ބަދަލު ނާންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ހުރިހާ ބައިވެރިން އަލުން އެއްމޭޒުދޮށަށް ގޮސް މަޝްވަރާ ކުރުމަށްފަހު ގޮވާން ޑީލުގެ އެއްބަސްވުން ހަރުދަނާކުރަން ތުރުކީ ހުށަހެޅި ހުށަހެޅުމަށް ރަޝިއާ އެންމެ ރަނގަޅު ކަމަށް ބުނި ކަމަށްވެސް ތުރުކީ ބުނެ އެވެ.
ތުރުކީ އޮފިޝަލުން ބުނާ ގޮތުން މިހާރުން މިހާރަށް ޔުކްރޭނުން ބޭރުކުރަން ހުރި ގޮވާން ޝިޕްމަންޓްތައް ކަނޑަށް ނެރުމަށްފަހު ސުލްހަ އަލުން ގާއިމުކުރުމަށް މަޝްވަރާ ފެށޭނެ އެވެ.
ރަޝިއާގެ ބައިވެރިވުން ނެތި ގޮވާން ޑީލް ފުރިހަމަ ނުވާނެ ކަމަށް ތުރުކީ އާއި އދ. އިން ވެސް ވަނީ ބުނެފަ އެވެ.
ރަޝިއާ ގޮވާން ޑީލުން ބޭރުވީ ކަޅުކަނޑުގައި މައިން ސާފުކުރަން މަސައްކަތްކުރާ ރަޝިއާގެ އުޅަނދަކަށް ޔުކްރޭނުން ޑްރޯން ހަމަލާ ދިނުމުންނެވެ.
މަދަނީ އުޅަނދުތަކަށް ބެލުމެއް ނެތި ހަމަލާދޭ ނަމަ ގޮވާން ޑީލަށް އެއްބާރުލުން ދިނުމަކީ ބޭކާރު ކަމެއް ކަމަށްވެސް ރަޝިއާ އޮތީ ބުނެފަ އެވެ.