ދުނިޔެ

ގޮވާން ޑީލް އެއްބަސްވުމާ ބަޔަކު އެބަ ޚިލާފުވޭ: ޕޫޓިން

ޔުކްރޭން ހަނގުރާމާއިގެ ސަބަބުން އެގައުމުގައި ތާށިވެފައި ހުރި ގޮވާން އެކްސްޕޯޓްކުރަން އދ. އާއި ތުރުކީ ހެކިކޮށް ޖުލައިގައި ރަޝިއާ އާއި ޔުކްރޭން އިން އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

މި އެއްބަސްވުމުގެ ދަށުން ޔުކްރޭނުން ގޮވާން ބޭރުކުރާ ގޮތަށް އޮތީ ބޭނުންޖެހިފައިވާ ގައުމުތަކަށެވެ. ޚާއްސަކޮށް ކާބޯތަކެތި ލިބުން ދަތިވެ ބަނޑަށް ޖެހިދާނެ ކަމަށް ބިރުހީވެފައިވާ ގައުމުތަކަށެވެ.

އދ. ގެ ކާނާއާ ބެހޭ ޕްރޮގްރާމްގެ ދަށުން ކާބޯތަކެތި ފޯރުކޮށްދޭ ގައުމުތަށް ވެސް ލިސްޓްކޮށްފައި އޮތީ ގޮވާމަށް ބޭނުންޖެހިފައިވާ ގައުމުތަކުގެ ގޮތަށެވެ.

ޔުކްރޭން ގޮވާން ޑީލް ކުރިއަށްދާ ގޮތް ތަފުސީލް ކުރައްވައި އީސްޓާން އިކޮނޮމިކް ފޯރަމްގައި ޕޫޓިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮވާން ޑީލް ކުރިއަށް ދަނީ ގަސްދުކުރެވިފައި އޮތް ގޮތަކަށް ނޫނެވެ.

ރަޝިއަން ސެކިއުރިޓީ ކައުންސިލްގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވި ގޮތުގައި ގޮވާން ބަރާކޮށްގެން ޔުކްރޭންގެ ބަނދަރުތަކުން މިހާތަނަށް 87 ބޯޓެއް ވަނީ ފުރާފަ އެވެ. އޭގެ ތެރެއިން 32 ބޯޓެއް އަދިވެސް އޮތީ ތުރުކީގައި ކަމަށް ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ތުރުކީގައި ބޯޓުތައް މަޑުކުރުން އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ ތުރުކީ މެދުވެރިކޮށް ގޮވާން އެކްސްޕޯޓްކުރަން އެއްބަސްވެފައި އޮތުމުންނެވެ.

އެހެން ނަމަވެސް، ޕޫޓިން ވިދާޅުވި ގޮތުައި ހިތާމައަކީ ތުރުކީން ފުރައިގެން ދިޔަ ބޯޓުތަކުގެ ތެރެއިން 30 ބޯޓެއް ޔޫރަޕްގެ ގައުމުތަކުގައި ބަނދަރުކުރުމެވެ.

މިސްރަށް ހަތް ބޯޓު، އިޒްރޭލަށް ތިން ބޯޓު، ސައުތު އެފްރިކާއަށް ތިން ބޯޓު އަދި ޔަމަނަށާއި ޖިބޫތީއަށް ދިޔައީ އެންމެ ދެ ބޯޓު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ގޮވާމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވަނީ ޔަމަނާއި ޖިބޫތީ އެވެ. އެކަމަކު އެ ދެ ގައުމަށް ލިބިފައި ވަނީ މިހާތަނަށް އެކްސްޕޯޓްކުރި ގޮވާމުގެ ތެރެއިން 60 ޓަން -- އެންމެ ތިން ޕަސެންޓް ކަމަށް ވިދާޅުވި އެވެ.

ޔަމަނާއި ޖިބޫތީ އަކީ އދ.ގެ ކާނާއާ ބެހޭ އިދާރާއިން ކާބޯތަކެތި ސަޕްލައިކުރާ ދެ ގައުމެވެ. އަދި އޭގެ އިތުރުން އެފްރިކާ ބައްރުގައި ހިމެނޭ ފަގީރު ގައުމުތަކަށް ގޮވާން ފޮނުވުން އައުލާކަން ބޮޑު ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ގޮވާން ޑީލަށް ހުރަސްއެޅުމެއް އަދި ނެތެެވެ. އެހެންނަމަވެސް އދ. އަށް މައްސަލަ ހުށަހެޅުމަށް ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އަށް ދަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގޮވާން ޑީލްގެ ދަށުން އެންމެ ފުރަތަމަ ގޮވާން ސަޕްލައިކުރަން ވާނީ ފަގީރު އަދި ގޮވާމަށް ބޭނުންޖެހިފައިވާ ގައުމުތަކަށް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.