ރަޝިޔާ

ގޮވާން ޑީލަށް ރަޝިއާ އަލުން ވަދެއްޖެ

Nov 3, 2022

ޔުކްރޭނުން ގޮވާމުގެ ބާވަތްތައް ބޭރުކުރުމަށް ރަޝިއާ އާއި ޔުކްރޭން ސޮއިކޮށްފައިވާ އެއްބަސްވުމުން ރަޝިއާ ބޭރުވުމަށްފަހު އަލުން އެއްބަސްވުމާ ގުޅިއްޖެ އެެވެ.

ޔުކްރޭން ރަޝިއާ ހަނގުރާމަ ހިނގަމުން ދަނިކޮށް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މި އެއްބަސްވުން ހެދީ އދ. އާއި ތުރުކީ މެދުވެރިވެގެންނެވެ. އެއްބަސްވުމުން ރަޝިއާ ވަކިވުމަށް ނިންމިކަން މޮސްކޯއިން އިއުލާނުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެއްބަސްވުމުން ވަކިވުމަށް ރަޝިއާ އިން ދެއްކި ސަބަބަކީ ކަޅުކަނޑުގެ މަގުން ދަތުރުކުރާ ރަޝިޔާގެ ބޯޓުތަކަށް ޔޫކްރޭނުގެ ޑްރޯންތަކުން ހަމަލާދިނުމެވެ. އެއީ ގޮވާން ބޭރުކުރުމުގެ އެއްބަސްވުމާ ޔުކްރޭނުން ހިލާފުވުން ކަމަށް ރަޝިއާ އިން ގަބޫލުކުރެ އެވެ.

ގޮވާން ބޭރުކުރުުމުގެ އެއްބަސްވުމުން ރަޝިއާ ނިކުން ފަހުންވެސް ކަޅުކަނޑު ހުރަސްކޮށް ގޮވާން ބަރުކޮށްގެން ޔުކްރޭންގެ 15 ބޯޓެއް ދަތުރުކޮށްފައިވެ އެވެ. އެކަމަކު އެ ބޯޓުތަކަށް ރަޝީއާ އިން ހަމަލާދީ ހުރަސްއަޅާފައެއް ނުވެ އެވެ.

ކަޅުކަނޑު ހުރަސްކޮށް ދަތުރުކުރާ ރަޝިއާގެ އުޅަނދުތަކަށް ޔުކްރޭނުން ވެސް ހަމަލާ ނުދޭނެ ކަމަށް އެ ގައުމުން ރަޝިއާއަށް ޔަގީންކަން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެެވެ. ރަޝިއާ އެނބުރި ގޮވާން ބޭރުކުރުމުގެ އެއްބަސްވުމަށް ވަނީ މިޔަގީންކަމާ އެކު ކަމަށްވެ އެވެ.

ގޮވާން ބޭރުކުުރުމުގެ އެއްބަސްވުމުގެ ދަށުން ގޮވާން ބަރުކޮށްގެން ދަތުރުކުރާ ބޯޓުތައް ތުރުކީއާއި އދ.ގެ ޓީމުތަކުން ބަލަން ބޭނުންވާނަމަ އެ ފުރުސަތު އެއްބަސްވުމުގެ ދަށުން ލިބެ އެވެ.

ރަޝިއާ އިން އަމިއްލަކޮށްލައިގެން އުޅޭ ޔުކްރޭންގެ ބައެއް ކަމަށްވާ ކްރައިމިއާ -- ރަޝިއާގެ ބާރުގެ ދަށަށް ގެންދިޔައީ މާޗް 18، 2014 ގައެވެ. ކްރައިމިއާ ރަޝިއާގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން ކަޅުކަނޑުގެ އެ ސަރަހައްދުން ދަތުރުކުރާ ދެ ގައުމުގެ އުޅަނދުތަކަށް ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދޭ މައްސަލަ މީގެކުރިން އޮންނަނީ ބޮޑު މައްސަލަ އަކަށްވެފަ އެވެ. ނަމަވެސް ގޮވާން ބޭރުކުރުމުގެ އެއްބަސްވުމުގައި އުޅަނދުތަކަށް ހަމަލާ ނުދޭން އެއްބަސްވެފައިވާތީ އުޅަނދުތަކަށް އޮތް ރައްކާތެރިކަން ޔަގީންކޮށްދެ އެވެ.