ރަޝިއާގައި އުފައްދާ މިސައިލް ޑިފެންސް ސިސްޓަމް ގަތުމަކުން ތުރުކީއަށް ފާޑުކިއޭނެ ބަޔަކު ނޫޅޭނެ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ރަޝީއާ އޮތް ކޮޅަށް ބޯލާންޖެހުނީ އެކުވެރި ނޭޓޯ ގައުމުތަކުން ދިފާއީ އާލާތްތައް ހޯދަން ތުރުކީން ކުރި މަސައްކަތްތަކަށް އިޖާބަނުދިނުމުން ކަމަށެވެ.
"އެއާ ޑިފެންސް ސިސްޓަމެއް ތުރުކީން ހޯދަން ބޭނުން ވެގެން އެކުވެރި ނޭޓޯ ގައުމުތަކުގެ ކިބައިން އެދުނިން" ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޯ ވިދާޅުވި އެވެ. "އެއިން އެއްވެސް ގައުމަކުން ވިއްކާކަށް ބޭނުމެއް ނުވި" ވަޒީރު ވިދާޅުވީ އޭތިމިތި ކިޔައި އުޒުރު ދައްކައި ލަސް ކުރުން ނޫން ކަމެއް އެކުވެރިން ގޮތުގައި ބަލައިގެން އުޅޭ ނޭޓޯ ގައުމުތަކުން ނުކުރާ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ ސީރިއާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ގަތަރުގައި ބޭއްވި ބައްދަލުވުމެއްގައި، ގަތަރާއި ރަޝިއާގެ ފޮރިން މިނިސްޓަރާއެކު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުން ރަޝިއާގެ އެސް-400 މިސައިލް ޑިފެންސް ސިސްޓަމް ގަތުމަށް ރަޝިއާއާއެކު އެއްބަސްވާންޖެހުނު ސަބަބަކީ ނޭޓޯ ގައުމަކުން އެފުރުސަތު ނުދިނުމުން ކަމަށެވެ. އަދި ވިދާޅުވީ މިސައިން ޑިފެންސް ސިސްޓަމްތައް ތުރުކީން އަދި ވެސް ގަންނާނެ ކަމަށެވެ.
ތުރުކީން ރަޝިއާއާއެކު ވިޔަފާރި އެއްބަސްވުމެއް ހަދަންއުޅޭކަން ނޭޓޯ ގައުމުތަކަށް އެނގުމުން ފާޑުކީ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ރަޝިއާ ޑިފެންސް ސިސްޓަމަކީ ނޭޓޯ ބައިވެރިން ބޭނުންކުރާ ފެންވަރުގެ ނިޒާމެއް ނޫން ކަމަށް ވެސް ބުނި ކަމަށެވެ.
"ތުރުކީ އަސްކަރިއްޔާއަށް ބޭނުންވާ ދިފާއީ އާލާތްތަކުގެ 70 ޕަސެންޓް މިހާރު އުފައްދަނީ ތުރުކީގައި" ވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތުރުކީގައި އަދި އުފެއްދެން ނެތް އާލާތްތައް ލިބިގަތުމަށްޓަކައި އެހެން ގައުމުތަކަށް ބަރޯސޯވާން ޖެހޭ ކަމަށެވެ.
"ތުރުކީ އަކީ މިނިވަން ގައުމެއް،" ވަޒީރު ވިދާޅުވި އެވެ. "މިނިވަންކަމަކީ އަޅުގަނޑުމެންނަށް ލިބިފައި އޮތް ހައްގެއް" އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ބޭރު ގައުމުތަކުން ދިފާއީ އާލާތްތައް ލިބިގަތުމަށް އެހައްގުގެ ބޭނުންހިއްޕަވާނެ ކަމަށެވެ.