ދުނިޔެ

ތުރުކީން އަމިއްލަ ހަތިޔާރުގެ ސިނާއަތެއް އުފައްދަނީ

Nov 27, 2019

ތުރުކީ ވިލާތުގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރަން އެއްވެސް ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުވުމުގައި، ތުރުކީ ވިލާތުގެ އަމިއްލަ ހަތިޔާރު އުފައްދާ ސިނާއަތެއް ބިނާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އުރުދުގާން ވިދާޅުވީ، އެ ގައުމުން ފުރަތަމަ ހަތިޔާރެއްގެ ގޮތުގައި އުފައްދާނީ ހަނގުރާމަވެރި މަތިންދާބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ނިންމާ ބޭނުން ކުރަން ފަށާނެ ކަމަށެވެ. އެ މަތިންދާބޯތުގެ ފެންވަރު އެމެރިކާގެ ހަނގުރާމަވެރި މަތިންދާބޯޓު ކަމަށްވާ އެފް 35 އަށްވުރެން މަތި ވާނެ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ.

އުރުދުގާން އިތުރަށް ވިދާޅުވީ، އެ ގައުމުން އުފައްދާ ހަތިޔާރު އެހެން ގައުމުތަކަށް ވިއްކަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ރަޝިއާގެ އުފެއްދުމަށް ކަމަށްވާ އެމްއެސް 13 މިސައިލް ސިސްޓަމް މިއަހަރު ތެރޭގައި ތުރުކީން ގަތުމުން، އެމެރިކާއިން ވަނީ ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ އުފެއްދުމެއް ކަމަށްވާ އެފް-35 ތުރުކީއަށް ވިއްކުން ވަނީ ހުއްޓާލާފަ އެވެ. އަދި ނޭޓޯގެ ބައެއް ގައުމުތަކުން ތުރުކީއަށް ދެމުން ދިޔަ އެހީތަކަށް ވެސް ހުރަސް އަޅާފަ އެވެ.

އަމިއްލަ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުރުދުގާން ވިދާޅުވީ، އެމެރިކާއާއެކު އޮންނަ ގުޅުން ގޯސްވެފައި ވަނިކޮށެވެ. ތުރުކީން މިފަހުން އެ ގައުމަށް ބޭނުންވާ ހުރިހާ ހަތިޔާރުތަކެއް ހޯދާފައިވަނީ ރަޝިއާއިންނެވެ.