ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު ބަޔަކު މަރުވެއްޖެ

Jun 1, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު ހަތަރު މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރެއިން ތިން މީހަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި މީހުނެވެ. އަނެއް މީހާ ބ. އޭދަފުށީ ފެސިލިޓީގަ އެވެ.

ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި މަރުވީ 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ.

އޭދަފުށީގައި މަރުވި މީހާއަކީ ރ. ހުޅުދުއްފާރު މީހެކެވެ. އަދި އެއީ ރ. އަތޮޅުން ކޮވިޑް ބަލީގައި މަރުވި ފުރަތަމަ މީހާ އެވެ. އެ މީހާއަކީ ހުޅުދުއްފާރުން ކޮވިޑަށް ޕޮޒިޓިވި 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ހުޅުދުއްފާރު ސިއްހީ މަރުކަޒުން ބުނީ އެ ރަށުން މަރުވެފައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހު ނެގި ސާމްޕަލް އަކުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށާއި އެ މީހާގެ ހާލު ދެރަވެ ހުޅުދުއްފާރު ހެލްތު ސެންޓަރުގައި އެޑްމިޓް ކުރި ކަމަށާއި ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ މެއި މަހުގެ 23 ވަނަ ދުވަހުގައި ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި މީހުންގެ އަދަދު ވަނީ 165 އަށް އަރާފަ އެވެ. މިއަދުގެ މިހާތަނަށް މިވަނީ ހަތަރު މީހަކު މަރުވެފަ އެވެ.

މިދިޔަ މެއި މަހަކީ ކޮވިޑްގައި ރާއްޖެއިން ހޭދަކުރި އެންމެ ހާލަތު ގޯސް މަހެވެ. އެ މަހު އެކަނި 88 މީހަކު ވަނީ މަރުވެފައި ވެއެވެ.