ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހުޅުދުއްފާރު ކައުންސިލް ރައީސް އަލީ ޖާވީދު އަވަސް އަށް ވިދާޅުވީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ 14 ދުވަސް ހަމަވެ ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓުން ކަމަށެވެ.
ޖާވީދު ވިދާޅުވީ އެމީހާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިމީހާއާ މިހާތަނަށް އެއްވެސް މީހަކު ކޮންޓެކްޓް ވެފައިނުވާ ކަމަށާއި ކަރަންޓީނުގައި ހުރި ގޭގައި ހުރީވެސް އޭނާ އެކަނި ކަމަށެވެ.
ހުޅުދުއްފާރުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.
މީގެ އިތުރުން އެއަތޮޅު ދުވާފަރު ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ ދޫކޮށްލި ފަހުން ތިން މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާތީ އެރަށް މިހާރު ވަނީ ލޮކްޑައުން ކޮށްފަ އެވެ.
ޖާވީދު ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ދުވާފަރުން ހުޅުދުއްފާރަށް ފުޓުބޯޅަ ކުޅުމަށް ދެ ޓީމެއް އައިސްފައިވާ ކަމަށާއި އެހެން ކަމުން އެމީހުންނާއި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސއްކަތް ނިމެންދެން ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މި ބަލި މިހާރު ފެތުރެމުންދާއިރު މި ބައްޔަށް މިހާތަނަށް ރާއްޖެއިން ވަނީ 2600 އަށްވުރެ ގިނަ މީހަކު ޕޮޒިޓިވް ވެފަ އެވެ. އަދި 13 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.