ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުވާފަރު

ދުވާފަރުގެ ހާލަތު ރަނގަޅު ކުރަން ނަރުހުންނާއި ޑޮކްޓަރުން ފޮނުވައިފި

ރ. ދުވާފަރުގެ ކޮވިޑްގެ ހާލަތު ރަނގަޅުކުރުމަށް އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ނަރުހުންނާއި ޑޮކްޓަރުން ފޮނުވައިފި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި ދުވާފަރުގެ ކޮވިޑްގެ ހާލަތު ރަނގަޅު ކުރުމަށްޓަކާ އިތުރު ދެ ނަރުހަކާއި އެމަޖެންސީ ފަރުވާ ދިނުމަށް ފެސިލިޓީގައި އިތުރަށް ކުރަން ހުރި ކަންކަން ކުރުމަށް މެޑިކަލް ސްޓާފުން ފޮނުވާފައިވާ ކަމަށެވެ. އަދި ހައިރިސްކް ކެޓަގަރީގެ މީހުން އެސެސްމެންޓް ހެދުމަށް ޑޮކްޓަރުން ފޮނުވާފައިވާ ކަމަށެވެ.

ރޭގައި ދުވާފަރުން ވަނީ ކޮވިޑް ބަލީގައި ހަތަރު ވަނަ މީހަކު މަރުވެފަ އެވެ. އެއީ ދުވާފަރަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ މަރާއެކުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވާފަރުގައި ބަލި މެނޭޖްކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އެ ރަށުގައި ރޭ ވަނީ މުޒާހަރާކޮށްފަ އެވެ. ގިނަ ބަޔަކު އެއްވެ ސިއްހީ މަރުކަޒު ކައިރީގައި އަޑު އުފުލާފައިވެ އެވެ.

އިހުތިޖާޖު ކުރާ މީހުން ވަނީ ރޭގެ މަރަކީ އިހުމާލުގެ މަރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ދުވާފަރު ސިއްހީ މަރުކަޒާ ހަވާލުވެވަޑައިގެން ހުންނެވި ސީނިއާ އެޑްމިން އޮފިސަރު އާމިރު އަހްމަދު އަވަސް އަށް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް ރަށުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

ހޯމް ކަރަންޓީނުގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވަމުން އަންނައިރު ރަށުން ފުލޫގެ ގޮތުގައި ވެސް ބައިވަރު ކޭސްތައް ރިޕޯޓް ކުރަމުންދާ ކަން އާމިރު ފާހަގަކުރެއްވި އެވެ. އަދި ރެންޑަމް ސާމްޕަލް ކުރިން ނެގި ނަމަވެސް ފުލޫގެ ގޮތުގައި ކޭސްތައް ރިޕޯޓް ކުރާތީ ރެންޑަލް ސާމްޕަލް ނެގުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދުވާފަރަކީ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންއަށް ގެނެސް އަރާ ފޭބުން މަނާކޮށްފައިވާ ރަށެކެވެ. އެ ރަަށުގައި މިވަގުތުވެސް ކޮވިޑަށް ޕޮޒިޓިވް 145 މީހަކު އެބަތިއްބެވެ.