ކޮވިޑް ބަލީގެ ހާލަތު ގޯސްކޮށް އޮތް ރ. ދުވާފަރުން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 916 އަށް އަރައިފި އެވެ.
ކޮވިޑް ފެތުރެން ފެށުމުން ދުވާފަރު އެޗްޕީއޭގެ ބަންދަށް ގެންދިޔައީ މިދިޔަ މޭ 25 ވަނަ ދުވަހު އެވެ. މިއީ މޮނީޓަރިން ލިސްޓުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން ބަންދުގައި އޮތް ރަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދުވާފަރުން ވަނީ 12 މީހަކަށް ބަލި ޖެހިފަ އެވެ. މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 148 އެވެ. އެރަށުން މިހާތަނަށް ހަ މީހަކު ބަލީގައި މަރުވެފައި ވެއެވެ.
އެ ރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން 762 މީހަކު މިހާރު ބަލިން ވަނީ ފަސޭހަވެފަ އެވެ. އަދިވެސް ރަށުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން އެރަށުން ބަލި ހުރި ފަރާތްތައް ދެނެގަތުމަށް އިއްޔެ ވަނީ ރެންޑަމް ސާމްޕަލް ވެސް ނަގާފަ އެވެ. ރެންޑަމް ސާމްޕަލް ނަގާފައި ވަނީ ގޭބިސީތަކުންނެވެ.
އެޗްޕީއޭގެ ބަންދުގައި މިހާރު އޮތީ 17 ރަށެކެވެ. މޭ މަހު ބަންދު ކުރި ރަށްތަކުގެ ތެރެއިން ބަންދުގައި އޮތީ ދުވާފަރު އެކަންޏެވެ.