މިދިޔަ މަހު އަހަރު ނުވާ 381 ކުއްޖަކަށް ކޮވިޑް-19 ޖެހުނު ކަމަށް ހެލްތް ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ދިވެހިން 14 މަސް ދުވަސް ހޭދަ ކޮށްފައިވާއިރު އިއްޔެ ނިމިގެން ދިޔަ މި އަހަރުގެ މޭ މަހަކީ މި ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި މަހެވެ. މަދު ދުވަހެއްގައި ނޫނީ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ހުރީ ހާހުން މަތީގަ އެވެ.
އެޗްޕީއޭއިން ބުނީ މެއި މަހު 381 ކުއްޖަކަށް ކޮވިޑް ޖެހިފައިވާ ކަަމަށާ ކޮވިޑުން އެ ކުދިން ރައްކާތެރިވުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.
މިދިއަ އޭޕްރީލް މަހާއި ހަމައަށް ކޮވިޑްގައި ހޭދަވި 13 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން މަރުވީ 73 މީހެކެވެ. ނަމަވެސް މޭ މަސް ނިމުނުއިރު ކޮވިޑް މަރުގެ ނަންބަރު ވަނީ 161 އަށް އަރާފަ އެވެ. އޭގެ މާނައަކީ މޭ މަހު އެކަނި ވެސް 88 މީހަކު އެ ބަލީގައި މަރުވެފައި ވެ އެވެ.
އޭޕްރީލް މަސް ނިމުމުނުއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 29،835 އެވެ. ނަމަވެސް 31 ދުވަހަށް ފަހު މެއި މަސް ނިމުމުއިރު އެ ނަންބަރު ވަނީ ދެ ގުނަ ވެފަ އެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 64،396 އަށް އަރާފައެވެ. އެހެން ކަމުން މޭ މަހު އެކަނި ވެސް ކޮވިޑް ޖެހުނު މީހުންގެ އަދަދު ކުރީ 13 މަހަށް ވުރެ އިތުރެވެ. ތޭރަ މަސް ދުވަހާއި މި ނިމުނު މޭ މަސް ނުބައްދަލެވެ. މޭ މަހު ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދަކީ 34،561 އެވެ.
މޭ މަހުގެ ވަރަށް ގިނަ ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ 1،400 އިން މަތީގައެވެ. ހާހުން ދަށުގައި ނަންބަރު ހުރީ 10 ދުވަހު އެވެ. އޭގެ ތެރެއިން އަށް ދުވަހުގެ ނަންބަރު ހުރީ 500 އިން މަތީގަ އެވެ. 400 އިން ދަށުގައި ނަންބަރު ހުރީ އެންމެ ދެ ދުވަހު އެވެ.