ދަތުރުކުރާ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލު ހަމަޖައްސާފައިވީނަމަވެސް އެ ލުއި ލިބޭނީ އާއިލާއާއެކު ދަތުރުކުރާ ކުޑަކުދިންނަށް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ ޖުލައި ހަތްވަނަ ދުވަހު ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް އޭގެ ތެރޭގައި ދަތުރުކުރާ ކުޑަކުދިންނަށް ލުޔެއް ނުލިބުނެވެ. ކުޑަކުދިންނަކީ ކޮވިޑް ވެކްސިން ޖެހޭ ބައެއް ނޫނެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން ދަތުރުކުރާއިރު ކަރަންޓީންވާން ނުޖެހި ކުޑަކުދިން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
އެއާއި ގުޅިގެން އެޗްޕީއޭއިން ވަނީ އުސޫލު ބަދަލުކޮށް ދަތުރުކުރާ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލެއް އެކުލަވާލާފައެވެ.
މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކަރަންޓީން ނެތި ދަތުރުކުރެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނާއެކު ދަތުރުކުރާ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާއާއެކު ދަތުރުކުރާ ކުޑަކުދިންނަށް ކަމަށެވެ.
އަދި އެ ނޫން މީހުންނާއެކު ދަތުރުކުރާނަމަ އެ ފުރުސަތު ނުލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދަތުރުކުރަން ހުއްދަދޭއިރު ކައުންސިލުން އެކަންކަން ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަޒްލާ މިއަދުވެސް ވިދާޅުވީ ވެކްސިން ނުޖަހާ ކުދިންގެ ފަރާތުންވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ކަމުން ރައްކާތެރި ފިޔަވަޅުތަކުގަިއ ހިފަހައްޓާ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ދަތުރުނުކުރަން އަދި އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުުރު ސޮއިކުރައްވާ މި މަހުގެ ހަތްވަނަ ދުވަހުގެ ރެޭ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ޖުލައި 8 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަވަންދެން ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ.
ކުރިއަށް އޮތީ ބޮޑު ބަންދެއް ކަމުން ވަރަށް ގިނަ ބަޔަކު ދަނީ އަތޮޅުތެރެއަށް ދަތުރުކުރަމުންނެވެ.