ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. ނަޒްލާ ރަފީގް

ކޭސްތައް ދަށަށް ދިޔަ ކަމަކަށް ނުބެލެވޭނެ: ނަޒްލާ

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފެންނަ ނިސްބަތް މިވަގުތު މަދުވަމުން ދިޔަ ނަމަވެސް ކޮވިޑް ކޭސްތައް ދަށަށް ދިޔަ ކަމަށް އަދި ނުބެލެވޭނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންްޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ކޮވިޑް ނަންބަރު ވަނީ 1500 އިން 300 އަށް ދަށް ކުރެވިފަ އެވެ.

މިކަމާ ގުޅޭގޮތުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވެ ފްލޫ ކްލިނިކް ތަކަށް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލަން ޖެހުނު ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން ކޮންޓެކްޓްރޭސިންގެ މަސައްކަތްވެސް މެދުކަނޑާލި ކަމަށެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވް އެންމެ ގިނަ މީހުން ދެނެގަނެވެނީ ބަލި ޖެހޭ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. އަދި ރެންޑަމް ސާމްޕަލްތަކުން ވެސް ބަލީގެ ހާލަތު އޮތް މިންވަރާއި ބަލި ޖެހިފައިވާ އެތައް ބަޔަކު ދެނެގަނެވޭ ކަމަށެވެ. އެހެންކަމުން އެ ދެ މަސައްކަތް ހުއްޓާލާފައިވާ ވަގުތެއްގައި ނަންބަރު ދަށަށް ދިޔަ ނަމަވެސް ކޭސްތައް ދަށަށް ދިޔަ ކަމަށް އަދި ނުބެލެވޭނެ ކަމަށެވެ.

"މިގޮތަށް ޓްރޭސިން ހުއްޓާލަން ޖެހުމާއި އަދި އެކްޓިވް ސަވައިލަންސަސް މަޑުޖައްސާލަން ޖެހުމުން ކޮންމެވެސް ވަރަކަށް ކޭސްތައް ފެންނަ މިންވަރު މަދުވެގެންދާނެކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ އާންމުކޮށްވެސް ބަލި މީހުން އެންމެ ގިނައިން މި ފެންނަނީ ޕޮޒިޓިވް މީހެއްގެ ޓްރޭސިންގެ ތެެރެއިން އޭނާގެ ކޮންޓެކްޓުން ހޯދައިގެން. އަދި އެހެން ނުފެންނަ މީހުން މި ފެންނަނީ އަޅުގަނޑުމެން ރެންޑަމްކޮށް ނަގާ ސާމްޕަލްތަކުގެ ތެރެއިން ގިނައިން. އެހެންވީމަ މި ދެކަންތައްތައް މެދުކަނޑާލަން ޖެހުމާ އެއްކޮށް ކޭސް މަދުވި ކަމުގައިވީ ނަމަވެސް ހަގީގަތުގައި ކޭސްތައް ދަށަށް ދިޔަ ކަމަކަށް ނުބެލެވޭނެ،" ނަޒްލާ ވިދާޅުވި އެވެ.

މިހާރު ދަނީ ކޮންމެ ދުވަހަކު 380 ސާމްޕަލަށް ވުރެ މަދުނުވާ އަދަދަކަށް ރެންޑަމް ސާމްޕަލް ނަގަމުންނެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ފުރިހަމަ ކޮންޓެކްޓް ޓްރޭސިންއެއް މިހާރު ކުރިއަށް ގެންދެ އެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންގެ ކޮންޓެކްޓް ޓްރޭސިން 24 ގަޑިއިރުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށާ އަދި 48 ގަޑިއިރުގެ ތެރޭގައި ހުރިހާ ކޭހެއްގެ ޓްރޭސިން ނިންމަންޖެހޭ ކަމަށެވެ.