ކޮވިޑް-19 ޖެހިގެން އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި އެންމެ ހަގު މީހާ އެވެ. އަަދި ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ ކުއްޖާ އެވެ.
އެ ކުއްޖާ މަރުވީ އަައިޖީއެމްއެޗްގެ އީއާރަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. ހޮސްޕިޓަލަށް ގެނައިއިރުވެސް ކުއްޖާގެ ހެއެއް ނެތެވެ.
އާއިލާއިން ވަނީ ފަރުވާ ލިބުން ލަސްވި ބައެއް ސަބަބުތައްވެސް ހާމަކޮށްފައެވެ. އެ ގޮތުން ހޮސްޕިޓަލަށް ކުއްޖާ ގެނައުމަށް އެމްބިއުލާސް އައުން ލަސްވެ އެތައް ވަގުތެއް ހޭދަ ކުރަން ޖެހުނެވެ.
މި މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 170 އަށް އަރާފައެވެ. މިއީ މި މަހުގެ ނުވަވަނަ މަރެވެ. މަހުގެ ފުރަތަމަ ދުވަހު އިއްޔެ 8 މީހަކު މަރުވިއެވެ.
ކޮވިޑް ޖެހިގެން އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައިވެސް ދަނީ ފަރުވާ ދެމުންނެވެ. އެޗްޕީއޭއިން އެންމެ ފަހުން ދިން މައުލޫމާތަށް ބަލާއިރު ކުއްޖާގެ ހާލަތަށް ބަދަލެއް ނާންނާތީ އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.
ކޮވިޑް ބަލީގައި މިދިޔަ މެއި މަހަކީ ރާއްޖެ ތަޖުރިބާކުރި އެންމެ ނުރައްކާތެރި މަހެވެ. މިދިއަ އޭޕްރީލް މަހާއި ހަމައަށް ކޮވިޑްގައި ހޭދަވި 13 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން މަރުވީ 73 މީހެކެވެ. ނަމަވެސް މޭ މަސް ނިމުނުއިރު ކޮވިޑް މަރުގެ ނަންބަރު ވަނީ 161 އަށް އަރާފަ އެވެ. އޭގެ މާނައަކީ މޭ މަހު އެކަނި ވެސް 88 މީހަކު އެ ބަލީގައި މަރުވެފައި ވެ އެވެ.
އޭޕްރީލް މަސް ނިމުމުނުއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 29،835 އެވެ. ނަމަވެސް 31 ދުވަހަށް ފަހު މެއި މަސް ނިމުމުއިރު އެ ނަންބަރު ވަނީ ދެ ގުނަ ވެފަ އެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 64،396 އަށް އަރާފައެވެ. އެހެން ކަމުން މޭ މަހު އެކަނި ވެސް ކޮވިޑް ޖެހުނު މީހުންގެ އަދަދު ކުރީ 13 މަހަށް ވުރެ އިތުރެވެ. ތޭރަ މަސް ދުވަހާއި މި ނިމުނު މޭ މަސް ނުބައްދަލެވެ. މޭ މަހު ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދަކީ 34،561 އެވެ.
މޭ މަހުގެ ވަރަށް ގިނަ ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ 1،400 އިން މަތީގައެވެ. ހާހުން ދަށުގައި ނަންބަރު ހުރީ 10 ދުވަހު އެވެ. އޭގެ ތެރެއިން އަށް ދުވަހުގެ ނަންބަރު ހުރީ 500 އިން މަތީގަ އެވެ. 400 އިން ދަށުގައި ނަންބަރު ހުރީ އެންމެ ދެ ދުވަހު އެވެ.