ހަނިމާދޫ

ވިހަން ކުޅުދުއްފުއްޓަށް ދަނިކޮށް ކަނޑުމައްޗަށް ވިހައިފި

Jun 2, 2021
1

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުން އިމަޖެންސީގައި އެ އަތޮޅު ކުޅުދުއްފުއްޓަށް ފޮނުވި މާބަނޑު މީހަކު ކަނޑުމައްޗަށް ވިހައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެ މަރުކަޒުގެ ސީނިއާ ހެލްތު އޮފިސަރު ޒުބައިދާ އިބްރާހީމް ވިދާޅުވީ އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ބަނޑުގައި ރިއްސާތީ މިއަދު ހެނދުނު 5:20 ހާއިރު ކަމަށެވެ.

އޭނާ ކުޅުދުއްފުށްޓަށް ފޮނުވާލީ ހަނިމާދޫގައި ހުރި މެޑިކަލް އޮފިސަރާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގައިނޮކޮލޮޖިސްޓް ވާހަކަ ދެއްކުމަށް ފަހު ގައިނޮކޮލިޖިސްޓްގެ ލަފާގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށްޓަށް ފުރުން ކުޑަކޮށް ލަސްވީ ބަލިމީހާގެ އާއިލާއިން އެރަށަށް ދިއުމަށް ކޮންމެވެސް ވަރަކަށް ފަސް ޖެހުމުން ކަމަށެވެ.

އޭނާ ކުޅުދުއްފުށްޓަށް ފޮނުވާލީ ހަނިމާދޫ ސިއްހީ މަރުކަޒުގެ ދެ ސިއްހީ އެހީތެރިޔަކާ އެކު އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ ވިހާފައި ވަނީ ކުޅުދުއްފުށްޓާއި ވަރަށް ކައިރިވެފައި ވަނިކޮށް މިއަދު ހެނދުނު 7:10 ގައި ލޯންޗު ތެރެއަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމީހާ އަށް ލިބިފައި ވަނީ ފިރިހެން ކުއްޖެއް ކަމަށާއި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. މިއީ އުމުރުން 43 އަހަރުގެ އެ މީހާގެ ހަވަނަ ކުއްޖާ އެވެ.