ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ތެލެސީމިއާ ޑީއެންއޭ ޓެސްޓުގެ ހިދުމަތް ފަށައިފި އެވެ.
ހޮސްޕިޓަލްގައި މި ހިދުމަތް މިއަދު ފެށީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)އާ ގުޅިގެންނެވެ.
ހިދުމަތް ބޭނުންވާ މީހުންނަށް ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ޝީގެ ފަރާތުން ތެލެސީމިއާ ޑީއެންއޭ ޓެސްޓްގެ ހިދުމަތް ދެނީ ތެލެސީމިއާ ސްކްރީން ހެދުމުން ނަތީޖާ ޔަގީން ނުވާ މީހުންނަށެވެ.
ކުޅުދުއްފުށީގައި ތެލެސީމިއާ ޑީއެންއޭ ޓެސްޓުގެ ހިދުމަތް ދޭން ނިންމާފައިވަނީ ހިދުމަތަށް އެދޭ މީހުންގެ ސާމްޕަލް ހޮސްޕިޓަލުން ނެގުމަށްފަހު މާލެއަށް ފޮނުވައިގެންނެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ ލެބޯޓްރީގައި މިވަގުތު ހެދެން ނެތް އެހެން ޓެސްޓްތައް ވެސް ސާމްޕަލް ނެގުމަށްފަހު މާލެ އަށް ފޮނުވައިގެން ކަމާ ގުޅޭ ހޮސްޕިޓަލްތަކާ ގުޅިގެން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.