ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އޯޕީޑީ ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
މިމަޝްރޫއުގެ ދަށުން 21 ކޮންސަލްޓޭޝަން ރޫމާއި އާ ކާޑިއެކް ސެންޓަރަކާއި ރިސެޕްޝަން އަދި ވެއިޓިން އޭރިއާ ހަދާނެ އެވެ.
ދައުލަތުގެ ބަޖެޓުން 20.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.
އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިވަގުތު އެއްފަހަރާ ފަރުވާ ދެވެނީ 36 މީހުންނަށެވެ. އެމްޓީސީސީން އަލަށް ހަދާ އިމާރާތާއެކު އެނދުގެ އަދަދުތައް އިތުރުވެ ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.