ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"މި ރާޅުގައި ކުޑަކުދިންނަށް ނުރައްކާ ބޮޑު"

ކޮވިޑް-19 އިގެ ހަތަރު ވަނަ ރާޅެއް ރާއްޖެއަށް އައިސްފައިވާއިރު މި ރާޅުގައި ކުޑަކުދިން ވަރަށް ބޮޑަށް ބަލިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް ރޭ ވިދާޅުވެފައި ވަނީ ބަލި ޖެހޭ ކުޑަކުދިންގެ ތެރެއިން އެންމެ ބޮޑަށް ބަލި ވަނީ ދިފާއީ ނިޒާމު ދަށް ކުދިންނާއި ކިޑްނީ މައްސަލަތައް ހުންނަ ކުދިން ކަމަށެވެ. އަދި އެޑްމިޓްކޮށްފައި ތިބޭ ކުދިންނާއި ބަރުދަން މާ މަތި ކުދިންނަށް ވެސް ބަލި ބޮޑުވާ ކަމަށް ވިދާޅުވި އެވެ.

ކުޑަކުދިންނަށް ކޮވިޑް ޖެހުމުން ފެންނަ ނުރައްކާތެރި ބައެއް އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި މެޔަށް ތަދުވުމާއި، ފެން މަދުވެ ހަ ގަޑި އިރު ވާއިރު ވެސް ކުޑަކަމު ނުދިއުން ހިމެނެ އެވެ. އަދި ގައިގައި ބިހިތަކެއް ނެގުމާއި އާދަޔާ ހިލާފަށް ވަރުބަލިވުން ހިމެނޭ ކަމަށް ޑރ. ފައިސަލް ކުރިން ވަނީ ވިދާޅުވެފަ އެވެ.

މީގެ ތެރެއިން ވެސް ގުނަވަނެއް ޓުރާންސްޕުލާންޓްކޮށްފައި ހުންނަ ކުއްޖައްކަށް ބަލީގެ ނުރައްކާ ބޮޑެވެ. އަދި ހަކުރުބައްޔާއި، ހިތުގެބަލި ހުންނަ ކުދިންނާއި ނޭވާހިއްލުން ކޮންޓްރޯލްނުވެ ހުންނަންނަ ކުދިންނަށް ކޮވިޑްގައި ނުރައްކާވާ މިންވަރު ބޮޑު ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ކޮވިޑްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ރޭ ވަނީ ކުޑަކުއްޖަކު މަރުވެފަ އެވެ. އެއީ 10 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ މަރުވެފައި ވަނީ ވަރަށް ބޮޑަށް ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި ރާޅުގައި ކުޑަކުދިންނަށް ކޮވިޑް ޖެހޭ ނިސްބަތް ވަނީ އިތުރުވެފަ އެވެ. އެޗްޕީއޭއިން ބުނެފައި ވަނީ މެއި މަހު 381 ކުއްޖަކަށް ކޮވިޑް ޖެހިފައިވާ ކަަމަށާއި ކޮވިޑުން އެ ކުދިން ރައްކާތެރި ވުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.