ރާއްޖޭގައި ކޮވިޑް ބަލިން ރަނގަޅުވާ ކުޑަކުދިންނަށް ނުރައްކާތެރި ބައްޔެއް ޖެހެން ފަށައިފި އެވެ.
ކޮވިޑުން ރަނގަޅުވާ ކުޑަކުދިންނަށް ފުރާނައަށް ނުރައްކާވާ ބައްޔެއް ޖެހެމުންދާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަހްމަދު ފައިސަލް ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
ޑރ. ފައިސަލް އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރަމް (މިސްކް) ކިޔާ ބައްޔެއް ކޮވިޑުން ރަނގަޅުވާ ކުޑަކުދިންނަށް ޖެހެމުންދާ ކަމަށެވެ. އެ ބަލި ޖެހެނީ ކޮވިޑުން ރަނގަޅުވާތާ 4-2 ހަފްތާގެ ތެރޭގަ އެވެ. އެ ބަލި ޖެހެނީ 10-3 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުމާ އެކު ކަރާއި ގައިގައި ރިއްސުމާއި، ހޮޑުލުން އަދި ލޭގެ ޕުރެޝަރު ދަށްވުން ފަދަ ކަންކަން ހިމެނެ އެވެ. އަތާއި ފައި އަދި ހަށިގަނޑު ރަތްވުމާއި އަތާއި ފައި ދުޅަވުމުގެ އިތުރުން އަތާއި ފައިން ހަންފޮޅުން ފަދަ އަލާމާތްތައް ވެސް މި ބަލީގައި ފެންނަ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
މިސްކް ބަލި ޖެހިފައިވާ ކަމަށް ބަލަނީ ހަ ކަމެއް ހުރުމުންނެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކަށް ވުމާއި ހުން ހުރުމާއި އެހެން ބައްޔެއްގެ އަލާމާތްތަކަކަށް ނެތުން ހިމެނެ އެވެ.
މިސްކް ބަލި ރާއްޖެ އިން ފެންނަން ފެށީ ކޮވިޑްގެ ދެވަނަ ރާޅުގެ ތެރޭގައި ކަމަށާއި މިހާތަނަށް ހަތް ކުދިނަށް ބަލި ޖެހިފައި ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ. މީގެތެރެއިން ހަތަރު ކުދިންނަށް ފަރުވާ ދެމުންދަނީ އައިސީޔޫގަ އެވެ. މި ބަލި މިހާތަނަށް ރިޕޯޓް ކޮށްފައިވަނީ މާލޭ ސަރަހައްދުން އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑްގެ އަދަދު އިތުރުވާ ވަރަކަށް މިސްކް ޖެހޭ ކުޑަކުދިންގެ އަދަދުވެސް އިތުރުވާނެ.އެއީ ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު ވެސް އިތުރު ވާނެތީ. މި ބައްޔަކީ ފުރާނައަށް ނުރައްކާވާ ބައްޔެއް. ބައެއް ފަހަރު ކުދިން ވެސް މަރުވޭ. އެއީ ވަރަށް މަދު ފަހަރަކު.ޑރ. އަހްމަދު ފައިސަލް
ކޮވިޑުން ރައްކާތެރިވާން އަދި ކުޑަކުދިންނަށް ވެކްސިނެއް އުފައްދާފަ އެއް ނުވެ އެވެ. އެހެންވެ އެކުދިން ބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވެ އެވެ. ޑރ. ފައިސަލް ވިދާޅުވީ މިސްކް ބައްޔަށް އެންމެން ވެސް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ކޮވިޑުން ރަނގަޅުވިޔަސް 4-3 ހަފްތާ ވަންދެން މިސްކް ބަލީގެ އަލާމާތެއް އެކުދިންގެ ފަރާތުން ފެނޭތޯ ބެލުމަށް ސަމާލުވުމަށާއި، އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވެސް ފައިސަލް ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖެގައި މިސްކް ބައްޔާއި ދެކޮޅަށް ހަނގުރާމަކުރުމުގެ ވަސީލަތްތައް އެބަހުރި ކަމަށާއި ބަލި ޖެހުމުން ދޭނެ ބޭސް ވެސް އެބަހުރި ކަމަށް ޑރ. ފައިސަލް ވަނީ ފާހަގަކުރައްވާފަ އެވެ.