ކޮވިޑް ފިޔަވަޅުތަކާ ގުޅިގެން ހޮޓާ، ކެފޭ އާއި ރެސްޓޯރެންޓްތައް ބަންދުކުރަން ޖެހުމުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އެ ބަދަލު ނަގައި ނުދޭން މަޖިލީހުގެ ޖަލްސާ އިން މިއަދު ފާސްކޮށްފި އެވެ.
ކޮވިޑް ފިޔަވަޅުތަކުގައި ކެފޭ ހޮޓާ ފަދަ ތަންތަން ރޭގަނޑު ބަންދުކުރާ ގަޑިތައް މީގެ ކުރިން އެތައް ފަހަރަކު އަވަސް ކުރި އެވެ. އެކަމާ ގުޅިގެން އެ ތަންތަނުން ބުނެފައި ވަނީ ރޭގަނޑުގެ ޕީކް އަންނަ ތަންތަނަށް އިޔާދަ ނުކުރެވޭނެ ގެއްލުން ކުރިމަތިވަމުން ދިޔަ ކަމަށާއި އެވްރެޖްކޮށް ގިނަ ތަންތަނަށް ގެއްލުންވި ކަމަށެވެ.
އެކަންކަން ހައްލުކޮށް ކެފޭ، ރެސްޓޯރަންޓްތަކަށް ބަދަލު ދިނުމަށް އެދި މިދިޔަ މާޗް މަހު ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މައްސަލަައެއް މަޖިލީހަށް ހުށަހެޅުއްވި އެވެ.
އެ މައްސަލަ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ދިރާސާ ކުުރުމަށް ފަހު އެކުލަވާލި ރިޕޯޓް ފާސްކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 56 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
މިއަދު ފާސްކުރި ރިޕޯޓްގައި ބުނެފައިވަނީ ރެސްޓޯރެންޓްތައް ބަންދުކުރި ވަގުތަށް ބަލައި އެކަށީގެންވާ އަދަދަކުން ބަދަލު ދޭން ހުށަހެޅި ނަމަވެސް އެފަދައިން އަމަލު ކުރަން ނުފެންނަ ކަމަށެވެ. އެގޮތަށް ނިންމީ މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި އެގޮތަށް ބަދަލު ދޭން ފައިސާ ނެތުމާއި ބަދަލު ދީފިނަމަ ބަޖެޓަށް ނޭދެވޭ އަސަރުކޮށް އަންދާޒާ ކޮށްފައިވާ ޑެފިސިޓް ބޮޑުވެ އަދި ފައިނޭންސް ހޯދަން ޖެހޭ މިންވަރު އިތުރު ވެގެން ދާނެތީ ކަމަށް ރިޕޯޓްގައިވެ އެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން މުސްތަގުބަލުގައި ފިޔަވަޅު އަޅާނަމަ ވިޔަފާރިތައް ގިންތި ކޮށްފައިވާ ގޮތަށް ބަލައި ވިޔަފާރިތަކަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ގަވައިދުތަކާ ފިޔަވަޅުތައް އަޅަން ރިޕޯޓްގައި ލަފާ ދީފައިވެ އެވެ.
ހޮޓާ ކެފޭ ފަދަ ތަންތަނުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތަކަށް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށް ވިޔަފާރިތަކުގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް ރިޕޯޓްގައި ލަފާ ދީފައިވެ އެވެ.