ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކެފޭތަކާއި ރެސްޓޯރަންޓުތަކުގައި ޝީޝާގެ ހިދުމަަތް ދިނުން މަނާކޮށްފި

ކޮވިޑް-19 ގެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ކެފޭތަކާއި ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިރޭ ދަންވަރު 12:00 އިން ފެށިގެން އެ އެޖެންސީން ވަކި ގޮތެއް އަންގަން ދެން ކެފޭތަކާއި ރެސްޓްރޯންޓްތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކޮށްފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.

އެހެންކަމުން ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. ރާއްޖޭގެ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުން ވެސް މަނާކޮށްފައިވާއިރު ސަފާރީތަކަށާއި ޔޮޓް މެރީނާތައް ރާއްޖެ އައުން ވެސް ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅު އަޅަމުންނެވެ. މި ގޮތުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރިއިރު، ސްކޫލްތަކުގެ އިތުރުން މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި ބައެއް ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް ހުއްޓާލާފައިވެ އެވެ.