ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔާސިރު އަބްދުއްލަތީފު

ދެވަނަ ފުރާނައެއް ނުދަނީސް ނިޒާމު އިސްލާހުކުރަން ގޮވާލައިފި

ކޮވިޑް ބަލީގައި ރޭ ފާތިމަތު މިޝްކާ ނިޔާވި ފަދަ ގޮތަކަށް ދެވަނަ ފުރާނައެއް ވަކިވެ ނުދަނީސް މުޅި ނިޒާމު އިސްލާހު ކޮށްދެއްވުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ސަރުކާރަށް ގޮވާލައްވައިފި އެވެ.

އުމުރުން 10 އަހަރުގެ މިޝްކާ އަކީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ކުއްޖެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ މިވަގުތަކީ މުޅި ރާއްޖެއަށް ވެސް ވަކިން ހާއްސަކޮށް ކުޅުދުއްފުށި ރައްޔިތުންނަށް ވަރަށް ހިތާމަވެރި އަދި ވަރަށް ދަތި ވަގުތެއް ކަމަށެވެ.

ޔާސިރު ވަނީ މިޝްކާ ނިޔާވި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާ، މިޝްކާގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. ނަމަވެސް މިޝްކާގެ އާއިލާގެ މައުލޫމާތާއި މިޝްކާގެ ޒާތީ މައުލޫމާތު، އެ އާއިލާގެ އިޒުނަ ނެތި ހާމަނުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން ހާއްސަކޮށް މިކަމުގައި މިހިނގާދިޔަ ކަންތަކުގައި އަޅުގަނޑުމެންނާ ނުހަނު ތުއްތު ފުރާނައެއް ވަކިވެގެން ގޮސްފައިވާ ހިނދުގައި މިކަން އަޅުގަނޑުމެން ވަރަށް ކައިރިން ބަލަންޖެހޭ. މިކަން ތަކުރާރު ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ ނިޒާމު ބައްޓަން ކުރަންޖެހޭ. އަޅުގަނޑުމެންގެ ޓެކްސް ފައިސާ އެބަ ރަނގަޅަށް ހަރަދު ކުރެވޭތޯ އަޅުގަނޑުމެން އެބަ ބަލަންޖެހޭ،" މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ޔާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިޝްކާ ނިޔާވި ފަދަ ގޮތަކަށް ދެވަނަ ފުރާނައެއް ވަކިވެ ނުދާނެހެން ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި މިޝްކާ ނިޔާވި މައްސަލާގައި ކަން ހިނގާދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ހަމަ ތިޔަ އެންމެ ބޭފުޅުންނަށް ވެސް ތިޔަ ދެއްވާ އެއްބާރުލުމާ އެކީގައި އަޅުގަނޑުމެން ސަރުކާރުންވެސް އަދި މަޖިލީހުން ކުރަން ޖެހިއްޖެނަމަ މަޖިލީހުން ވެސް މިކަންތައްތައް ބަލައި ކުރިއަށް އޮތް މުސްތަގުބަލްގައި މިކަންތައްތައް ތަކުރާރު ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރާނަން" ޔާސިރު ވިދާޅުވި އެވެ.

މިޝްކާ ރޭ ނިޔާވި މައްސަލާގައި އެ ކުއްޖާގެ އާއިލާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިޝްކާގެ ބައްޕައާއި މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިޝްކާ ވެސް ގޭގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެކަމަކު ރެއާ ހަމައަށް މިޝްކާގެ ހާލު ރަނގަޅު ކަމަށާއި ކުއްލިއަކަށް ރޭ ހާލު ގޯސްވުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅީ ރޭ 11:40 ހާއިރު ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. މިޝްކާ ބަލައި އެމްބިއުލާންސް އައީ ގުޅިތާ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުން ކަމަށްވެސް އާއިލާ އިން ބުނެ އެވެ.

އާއިލާ އިން އިތުރަށް ބުނީ އެޗްޕީއޭގެ ހޮޓްލައިން 1676 އަކަށް ތަކުރާރުކޮށް ގުޅުމުން ވެސް އެމްބިއުލާންސް އެގެ ކައިރިއަށް ގޮސްފައިވާ ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އިން ބުނާ އެމްބިއުލާންސް އައިސްފައި ނުވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ގުޅައިގެން އިރުތަކެއް ފަހުން ހޮސްޕިޓަލަށް ދިޔައިރު މިޝްކާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ.

މިޝްކާ ނިޔާވި މައްސަލާގައި ކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީ އާއި އެޗްއާރްސީއެމުން ވެސް ވަނީ ބުނެފަ އެވެ. އަދި މިޝްކާ ނިޔާވި މައްސަލަ ބެލުމަށް މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ.

ކޮވިޑް ބަލީގައި މީގެކުރިންވެސް ކަމާ ގުޅޭ އިދާރާތަކުގެ އިހްމާލުން ބައެއް މީހުން މަރުވެފައިވާ ކަމަށް ބުނާ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އަދި އެފަދަ މައްސަލަތައް ބަލާނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނި ނަމަވެސް އެފަދަ މައްސަލަތައް ބެލުމަށްފަހު ކަމާ ގުޅޭ ތަފްސީލްތައް ހާމަކުރަން އިދާރާތަކުން ފަސްޖެހެ އެވެ.